ރާއްޖޭގެ އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެކަނި 2.5 ބިލިއަން ރުފިޔާ ހާއްސަ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ގައުމެއް ކުރިއަރައި ދާނީ މައިގަނޑު ދެ ގޮތަކުން ކަމަށާއި، އެއީ ފިކުރީ ގޮތުންނާއި ފެންނަން ހުންނަ ކަންކަމުން ހޯދައިގަންނަ ކުރިއެރުމުގެ ތެރެއިން ކަމަށެވެ. އެގޮތުން މިހާރު ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކުގެ ތެރޭގައި ރައްޔިތުން ގެދޮރުވެރި ކުރުވުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ބޯހިޔާވަހިކަމުގެ ދާއިރާގައި އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް އިއުލާންކޮށް، އެކަމުގެ މަސައްކަތްތައް ކުރިއަށްދޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިގުތިސާދު ފުޅާކޮށް މަތީ ތައުލީމުގެ ދާއިރާ އިތުރަށް ތަނަވަސް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޔުނިވަރސިޓީގެ ތަމްރީނު ރިޒޯޓް ތަރައްގީ ކުރުމާއި، ފަންނުވެރި އިޤްތިޞާދެއް ފުޅާކުރުމާއި، ޒުވާނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޑިޖިޓަލް އިކޮނޮމީގެ ހަރަކާތްތައް އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކްރިޕްޓޯ އަދި ޑިޖިޓަލް ކަރަންސީ ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޤާނޫނީ މަސައްކަތްތައް މަރުކަޒީ ބޭންކުން ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރި 21 ދަރިވަރުންނަށް ސަނަދު ހަވާލު ކޮށްދެއްވާފައެވެ. އަދި ގައުމީ ޔުނިވަރސިޓީގެ އެހެނިހެން ކޯސްތަކުން ޝަރަފުގެ އެވޯޑު ހާސިލުކުރި ދަރިވަރުންނަށް ވެސް ހާއްސަ އިނާމާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވާފައެވެ.

