ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާގެ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފެށި ފުރަތަމަ ހައްޖު އެންޑް އުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ ހައްޖާއި އުމްރާގެ ނިޒާމަށް ސައުދީ އަރަބިއްޔާއިން އަންނަނީ ވަރަށް ޒަމާނީ ބަދަލުތަކެއް ގެންނަމުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސައޫދީ ސަރުކާރުން އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި ރާއްޖެއިން އެދޭ ކޮންމެ ފަހަރަކު އެކަމަށް ހެޔޮ އިޖާބަ ދޭ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ނަމުގައި ސަޢޫދީ ސަރުކާރަށާއި، މާތްވެގެންވާ ދެ މިސްކިތުގެ ބެލެނިވެރިޔާ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު ޑޮކްޓަރ ތައުފީޤް ބިން ރާބިއާއަށް ޝުކުރު އަދާކުރެއްވިއެވެ.
ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުސްތާޒް މަޓްރެކް ބިން ޢަބްދުالله އަލްއަޖަލީ އަލްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

