ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އަދި އިތުރު ދާއިރާތަކުން ވެސް އިލްމީ މާހައުލު ދާނީ ފުޅާވަމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ދަރިވަރުންނެއް ދަސްވެނިވާ ކަމަށާއި، ރާއްޖޭގައި ވަރަށް ބޮޑު އިލްމީ އާބާދީއެއް އެބައޮތް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެއަށްވުރެ ގިނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން ނެޝަނަލް ޔުނިވަރސިޓީ ފުޅާކުރުމަށް މި ކުރާ މަސައްކަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ، އަދި އިތުރު ދާއިރާތަކުންވެސް އިލްމީ މާހައުލު ދާނީ ފުޅާވަމުން. ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެ މީހަކު ހާސިލުކުރާ އިލްމަކީ، އެ އިލްމުގެ ބޭނުން ހިފައިގެން ގައުމު އާރާސްތުކުރުމުގައި ބޭނުން ހިފާ އެއްޗަކަށް ހަދަންޖެހޭ ކަމަށެވެ.
ގައުމެއް ބިނާކުރެވޭނީ، ދެ ރޮނގަކުން ކަމަށާއި ފިކުރީ ގޮތުން ފެންނަން ހުންނަ ގޮތްގޮތުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފިކުރީ ގޮތުން ކުރަންޖެހޭ ކަންކަމަށް ބަލާއިރު، ގައުމީ ވިސްނުމެއްގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އެހެންނޫނީ ލޯމަރައިލެވެނީ ފެންނަން އޮތް ހަގީގަތެއްގެ ކުރިމަތީގައި ކުރެވޭ ބޭއިންސާފަކަށް ކަމަށާއި، ދަރީންގެ ދަރިންގެ މުސްތަގުބަލަށް ކަމަށް ރައީސް ވިދާޅުވިއެވެ.

