ރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތައާރުފުކުރުމަށްޓަކައި މަސައްކަތްތައް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް ޖީޑީޕީގެ 15 ޕަސެންޓް، ޑިޖިޓަލް އިކޮނޮމީގެ ހިއްސާއަކަށް ހަދަން ބޭނުންވާކަމަށް އެމަނިކުފާނު ޔޫއެންގައި ވާހަކަފުޅު ދެއްކިއިރު އިއުލާނުކުރައްވާފައިވާނެ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަސައްކަތާ ގުޅޭ އަމަލީ މަސައްކަތްތަކުގައި، މިހާރު އެމްއެމްއޭގެ ގަވަރުނަރު މަސައްކަތް ފަށްޓަވައިފި. ކްރިޕްޓޯ ކަރަންސީ، ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ގެނައުމުގައި އޭގެ ގާނޫނީ ހުރިހާ ކަންތައްތަކަކަށްވެސް ފަރުވާ ލިބޭގޮތަށް ޚާއްސަ ގާނޫނު ހެއްދެވުމަށް. އަދިވެސް ދެން ހުންނަ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގައި ޑިޖިޓަލް ކަރެންސީ ފުޅާކުރުމަށް.
ރައީސް ވިދާޅުވީ މި ކަންކަމަކީ، ކިޔަވައިގެން ނުކުންނަ ކުދިންނާއި، ޒުވާނުންނާއި، އެކިއެކި ފަންނުވެރިން ރާއްޖޭގެ އިގުތިސާދުގައި ހަރަކާތްތެރިވުމުގައި ހުރި ފުރުސަތުތައް ކަމަށެވެ.
ޑިޖިޓަލައިޒޭޝަންގެ ތެރެއިން، އާރޓިފިޝަލް އިންޓެލިޖެންސްގައި ރާއްޖެ ވެގެންދާނީ ދުނިޔޭގެ މައިދާނުގައި އެންމެ ކުރީ ސަފުގައި ވަރަށް ބޮޑަށް ލީޑްކުރާ ގައުމަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ނަތީޖާ ކަމަށާއި، މިއަދާ ހަމައަށް ވެސް އައީ ނަތީޖާ ހާސިލުކުރުމުގައި، ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ އަޒުމުގައި ކަމަށެވެ

