ތ.އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ 3 މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ތ.އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި / ސްޓަރ، ޢަބްދުﷲ ޞަލާޙް (35އ) ދ. ހުޅުދެލި / ބްލޫބެލް، ޙަސަން ވަޙީދު (27އ) އަދި ތ. ތިމަރަފުށި / ފާލްސާގެ، އަނޫފް އަޙްމަދު (24އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ވޭމަންޑޫގެ 3 ގެއަކާއި ތިމަރަފުށީ 6 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ޞަލާޙް އާއި ޙަސަން ވަޙީދު 10 ދުވަހަށް އަދި އަނޫފް އަޙްމަދު 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

