ދައުލަތަށް 44 އަހަރު ޚިދުމަތްކުރައްވި ޝަހީބާ މުހައްމަދު ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޝަހީބާ މުޙައްމަދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށާއި، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
“މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޝަހީބާ މުޙައްމަދު ލަހައްޓަވާށިއެވެ. އާމީން.” ރައީސް
ޝަހީބާ މުހައްމަދު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 17 ޖޫން 1962 ގައި ޕޯސްޓް އޮފީހުގެ ވަގުތީ ކާތިބާއެއްގެ ގޮތުގައެވެ. އޭގެ ފަހުން ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވީ ސައިންސް އެޑިޔުކޭޝަން ސެންޓަރުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސީނިއާ ސެކްރެޓަރީ ކަމުގެ މަޤާމާއި އިދާރީ އެހެނިހެން މަގާމުތައްވެސް ޝަހީބާ ފުރުއްވިއެވެ.
ޝަހީބާ މުޙައްމަދުއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވީ މިއަހަރުގެ މިނިވަން ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާގައެވެ.

