ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވުމަށް އާސަންދަ ސްކީމް މެދުވެރިކޮށް އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ހެދުމުގެ ފުރުސަތު ދިނުމުގެ ދެވަނަ ބުރުގައި 63 މީހުންނަށް އެހީ ދޭން ސަރުކާރުން ނިންމައިފިއެވެ.
އައިވީއެފްގެ ފަރުވާގެ ޚަރަދު އަމިއްލައަށް ކުރުމަށް ދަތިވާ ފަރާތްތަކަށް ދައުލަތުގެ އެހީއަށް އެދުމަށް ހުޅުވައިލި ފުރުސަތު ހަމަވީ މިދިޔަ ޖުލައިމަހުގެ 31 ގައެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިއްޔެ ވަނީ އެ މުއްދަތުގައި އައިވީއެފް އެހީއަށް އެދުނު ފަރާތްތަކުގެ ލިސްޓު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.
އެ ލިސްޓުގައިވާ ގޮތުން ޖުމްލަ 215 މީހުން އެހީއަށް އެދި ހުށަހެޅިއެވެ. ދެވަނަ ބެޗުގައި އެހީ ދިނުމަށް 63 މީހުން ކަނޑައަަޅާފައިވަނީ މި އަހަރަށް ކަނޑައެޅި 100 މީހުންގެ އަދަދަށް ބަލައިގެންނެވެ.
އެންސްޕާއިން އާންމުކުރި ލިސްޓުގައި ވަނީ ޝަރުތު ހަމަނުވާ މީހުންގެ ޝަރުތު ހަމަނުވި ސަބަބު ވެސް ހިމަނާފައެވެ.
މި ލިސްޓާ ގުޅިގެން ޝަކުވާއެއްވާނަމަ، މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ. ޝަކުވާއަށް ބެލުމަށްފަހު މިހާރު އާންމުކޮށްފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭނަމަ، ލިސްޓު މުރާޖައާކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ލިސްޓު އަލުން ނެރޭނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

