ބައިކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ދިވެހި ފިރިހެނަކު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ޒުވާނެކެވެ.
އޭނާ އުޅެމުންދިޔަ ގެއާއި އޭނާ ހުރި ކޮޓަރީގެ ތެރެއިން ޖުމްލަ 539 ގްރާމް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ޑިޖިޓަލް ކައްޓާއާއި ހުސް ރަބަރު ޕެކެޓުތައް ވެސް ކޮޓަރީގެ ތެރެއިން ފެނިފައިވެއެވެ. އަދި އޭނާގެ ޖީބުގައި އޮތް ތަޅުދަނޑިއަކުން އެ ގޭގައި ހުރި ތިޖުރީއެއްގެ ތެރެއިން ގާތްގަނޑަކަށް 16,000 ރުފިޔާ ފެނިފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުމުން އިއްޔެ ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
މި މައްސަލާގައި އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.

