ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 248 ސިޔާސީ މުވައްޒަފުން ވަކިކުރައްވައިފިއެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުޢިއްޒު އިއުލާނު ކުރެއްވީ މި ހުސްވި މަހުގެ 15 ގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށެވެ.
މިއީ ރައީސް އިއުލާނު ކުރެއްވި ވަރަށްވުރެ 20 މުވައްޒަފުން އިތުރު އަދަދެކެވެ.
ހަމައެއާއެކު ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ގާއިމު ކުރުމަށް ކެބިނެޓުން މިހާރު ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ މި ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

