ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ދާއިރާތަކުގެ ވޯޓްލާ ތާރީޙް ބަދަލުވެއްޖެއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކަށް އިންތިހާބުކުރާ މެމްބަރުންގެ ވޯޓްލުން ފަސް ކުރެވިފައިވަނީ މި މަހުގެ 23 ވަނ ދުވަހަށް ކަމަށެވެ.
މި ގޮތަށް ނިންމީ ކުރިއަށް އޮތް ޖުމްހޫރީދުވަހާއި ގުޅިގެން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާއި ގުޅިގެން އެ ދުވަސް ތަކުގައި ގިނަބަޔަކު ދަތުރު ތަކުގައި ދާނެތީއާއެކު ވޯޓް ލާން ދަތިތަކެއް ހުންނެތީ ކަމަށެވެ. މިއީ ގިނަބައެއްގެ އެދުމުގެ މަތިން ނިންމަވާފައިވާ ނިންމުމެއް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
މިގޮތަށް ޕާޓީން ނިންމަވާފައިވާތީ މި މަހުގެ 10 ވަނަ ދުވަހު އަލުން ޕާޓީގެ ރަޖިސްޓްރީ ވެފައިވާ މީހުންގެ ލިސްޓް އާންމު ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

