އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، މާދަމާގެ ބައެއް ވަގުތުތަކުގައި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނީ އެކްސްގައި ހިއްސާކުރި ޕޯސްޓުތަކެއްގައެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ މާފަތް ތަކުރުފާނު މަގު އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 09:30 އާއި 10:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ހުޅުމާލޭ ފޭސް 1 ގެ ފިތުރޯނު މަގާއި، ބަގީޗާ ހިނގުމާއި، މޫނިމާ މަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 09:00 އާއި 10:00 އާ ދެމެދު އަދި ހިތިގަސް މަގު (ގޯޅި 3 އަދި ގޯޅި 4) ހިމެނޭ ސަރަހައްދުން 09:00 އާއި 11:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ފޭސް 1 ގެ ނެއިބަރހުޑް 1 އަދި 2 އާއި ނިރޮޅު މަގާއި، ބީޗު ސަރަހައްދުން މާދާމާ ހެނދުނު 06:00 އިން 06:10 އާ ދެމެދު ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

