ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ޑޮލަރުގެ ލިމިޓް 1200 ޑޮލަރަށް އިތުރުކުރަން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން މިއަދު ބުނީ ދަރިވަރުން ރަޖިސްޓްރީވުމަށް ޕޯޓަލްއެއް ހަމަޖައްސާފައިވާ ކަމަށާއި، ރަޖިސްޓްރީވުމަށް ޕާސްޕޯޓާއި، ސްޓޫޑަންޓް ވިސާއާއި، ޔުނިވަރސިޓީ އެންރޯލްމެންޓް ލެޓާ ބޭނުންވާނެ ކަމަށެވެ. އަދި ލިމިޓް އިތުރުކޮށްދިނުމަށް ނަގާނީ މަސައްކަތު އެއް ދުވަސް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ރަޖިސްޓާވުމުން ޑެބިޓް ކާޑުގެ ލިމިޓް 1200 ޑޮލަރަށް އިތުރުވާނެއެވެ. އަދި އެކަމާ ގުޅޭ ނޮޓިފިކޭޝަން މޮބައިލް އެޕް މެދުވެރިކޮށް ލިބޭނެއެވެ.
ދަރިވަރުންނަށް ދޭ ލިމިޓު އެ ދަރިވަރަކު ތައުލީމު ހާސިލިކުރަމުންދާ ގައުމުގައި ޚަރަދުކުރުމަށްޓަކައި ލިބޭއިރު، ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން 250 ޑޮލަރު ބޭރުގެ އެހެން ގައުމެއްގައި ބޭނުންކުރަން ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅު ފުރިހަމަކުރުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބީއެމްއެލް އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

