ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން ވަދެ އުޅެނިކޮށް ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ.މާޅެންދޫ، ފެހި އައްސޭރި، އަޙްމަދު ރިސްފާން (32 އ) އެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފަތިހު 5:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13 ފްލެޓް ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅެނިކޮށެވެ.
މި މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 3 ދުވަހެވެ.
ފުލުހުން އިއްޔެ ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާއެކު ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

