ދިވެހިންނާއި ދިވެހިންގެ ތަރައްގީއަކީ ދިވެހިންގެ އުއްމީދުތަކާއި އެ އުއްމީތަކުގައި ކުލަޖެއްސުމަށް ކެނޑިނޭޅި ކުރެވޭ މަސައްކަތުގެ ނަތީޖާއެވެ. މީގެ 50 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު، ރާއްޖެއިން ފެނިފައިވަނީ ފަގީރުކަމާއި ބަނަކަމެވެ. ފަޅު ކަމާއި ކުލައެއްނެތް ތަސްވީރުތަކެވެ. ޒަމާން ބަދަލުވެ ބައި ގަރުނެއްގެ ފަހަތުން މިއަދަށް ވިސްނާލާއިރު ފެންނަނީ އުއްމީދާ ކުލަތަކުގެ ވިދުމެވެ. ހަގީގީ ސިނކުޑިއަކުން ފުންކޮށް ނަޒަރު ހިންގާލާނަމަ ގައުމަށްޓަކާ ބަޔަކު ވެވުނުގުރުބާނީ އޮތީ ފެންނާށެވެ.

ތަރައްގީއާއެކު މާލެ
ނަމަވެސް ތަރައްގީގެ ދުވެލިން ރާއްޖެ ހަމަމަގަށް ނޭޅޭ ސަބަބުތައް ބައިވަރެވެ. މާލީ ހާލަތާއި އިގްތިސާދީ ދަތިކަމެވެ. ބަޖެޓްގެ ތާށިކަމެވެ. މިވާހަކަތައް އިގްތިސާދީ މާހިރުންގެ ދުލުން އިވޭއަޑުތައް ފުރޭންޏަކަށް ފެންލުން ކަމަކަށްވެ ނިމޭތަން ފެންނަނީ މިއަދަކު އިއްޔެއަކު ނޫނެއެވެ. މިއީ ފަހުގެ ތާރީހުގައި ކަންހިނގަމުންދާ ގޮތެވެ.
ރާއްޖެ މިދެކެމުންދާ ހަގީގަތާއެކު ކުރިއެއް މިހާރެއް ބެލުމެއްނެތި އަދުގެ ސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓް ފާސްކޮށްފައެވެ. މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ސަޕްލިމަންޓު ކުރުމަށް ސަރުކާރުގެ ފަރާތުން ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހެޅިއެއެވެ.
މި ބަޖެޓާއި ގުޅޭ ގޮތުން ސަރުކާރުން މައިގަނޑު ގޮތެއްގެ ފާހަގަކޮށްފައިވަނީ މިއީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައެވެ. އެއީ އެންމެ ބޮޑު ހޭދައެއް ބަޖެޓުން ކުރަން ހަމަޖެހިފައިވަނީ ހައުސިން މަޝްރޫއުތަކަށް ކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ. އަދި ދިވެހި އެންމެހާ ރައްޔިތުން އެތައްޒަމާނެއްގެ ކުރިން އުއްމީދުކުރަމުންއައި މި ބަޖެޓަކީ ހެޔޮ ފާލެއްކަމަށްވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ. އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދެވޭނީ މި އުއްމީދީ ބަޖެޓްއާއިއެކު ކަމަށެވެ. މިއީ ގްރޭޓާރ މާލެ ސަރަހައްދު އެކަނި ތަރައްގީކުރެވޭނެ ބަޖެޓެއްވެސް ނޫން ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަދި މުޅި ރާއްޖެއަށް މިބަޖެޓާއެކު ބޮޑު ހިންހަމަޖެހުމެއް ފޯރާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
އަދުގެ ތަރައްގީ ބަޖެޓުން ފެންނަނާނެބާ!
އަޑުއިވިފަވާ ވާހަކަތަކާއި ތުންތުންމަތިން ދެކެވޭވާހަކަތަކަކީ ހަގީގަތެއް ކަމުގަވާނަމަ ފޫނެއް ފާޔަކަށް ފެން އެޅުންކަމުގަވުމަކީ އެކަށީގެންވާ ކަމެކެވެ. އަބަދުވެސް ސަރުކާރުތަކުންދައްކަނީ ބަޖެޓެއް އެކުލަވާލިނަމަވެސް އޭރެއްގެ ސަރުކާރަކުން ބޭނުންހާ ގޮތަކަށް އެ ބަޖެޓެއް ހުސްކުރާވާހަކައެވެ. މިކަން މިގޮތަށް ހިގާފާނެބާއެވެ؟ މި ސުވާލަކީ ޖަވާބު ލިބޭ ސުވާލެއް ކަމުގައިވާނަމަ މިކަން އުސޫލުގެ ތެރެއިން އެއްވެސް ވަރަކަށް އަތެއްނުލެވޭނެއެވެ. ސަބަބަކީ ބަޖެޓް ފާސްކުރަނީ ރައްޔިތުން މަޖިލީހުން ކަމަށްވާއިރު އެތަނުން ފާސްވެ އަދި ހުއްދަވެސް ލިބެންޖެހޭތީއެވެ. އަދި ދައުލަތުގެ މާލިއްޔަތުން ޙަރަދުކުރެވޭނެ އުސޫލެއްވެސް އޮންނާތީއެވެ.
ބަޖެޓްގެ ފޭރާންހެޔޮވަރުބާ!
މި ސަރުކާރުގެ އަމާޒު ވަރަށްވެސް ސާފެވެ. ސަރުކާރުން ވިސްނާ ވިސްނުން ކޮށި ނަޒަރަކުން ނުވިސްނާކަމުގައިވާނަމަ އޮތީ ފެންނާށެވެ. އަދި ބުނެދެނީ އަޑު އިއްވާށެވެ. އެހެނެއްކަމަކު ތަރައްގީގެ މަޝްރޫއުތަކާއި ބެޓުން ނިންމާ ބޮޑު ނިންމުންތަކުގަ ކުރިމަގާ ދޭތެރޭ ވިސްނާލުމަކީ ކޮންމެހެންކުރަންޖެހޭ ކަމެކެވެ. ފޭރާންހެޔޮކުރަން ގިނަ މަސައްކަތްތައްކެއް ކުރަންޖެހޭއިރު، ދޯހަޅިނުވާނެ ސިޔާސަތެއްގެ ތެރެއިން އިސްކަންދޭންޖެހެއެވެ.
ބޭކާރު ހަރަދުތައް ކުޑަކުރުމަށްވެސް ވަނީ ވަރަށް ބޮޑެތި ޕްލޭންތައް އެކުލަވާލާފައެވެ. މަޝްރޫއެއް ފެށުނު ކަމުގައިވީނަމަވެސް އެކަމަކަށް އެކަށީގެންވާ އަދަދެއް އެކަމަކަށް ކަނޑައެޅުމާއި، ކަމަކަށް ތައްޔާރުވާއިރު "އޯވާލިމިޓް" ނުކުރެވޭނެ ކަންވެސް ސާފްކޮށް ވަނީ ބުނެދީފައެވެ. އެގޮތުން 11.5 ބިލިއަން ރުފިޔާގެ ފިޒިކަލް އިސްލާހެއްވެސް ހުށަހެޅިފައެވެ. މިކަމުން އެގެނީ މިއީ އާދައިގެ ވިސްނުންތަކުން ނިންމި ނިންމުމެއްނޫން ކަމަށާއި، ގައުމީ ތަސައްވުރުގަ ނިންމި ބަޖެޓެއް ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ/ފޮޓޯ: މަޖިލިސް
މިއީ ގައުމީ ބޮޑު ބަޖެޓެކެވެ. މިއީ އިގްތިސާދީ ބޮޑު ކުރިއެރުމެއް ހޯދާނެ ތަފާތު ބަޖެޓެކެވެ. ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ފެށުމުގެ އަސްލުވެސްމެވެ. ދިވެހިންގެ ހިތްތަކުން އަތްކަށް ފޯރާނެ އުމީދީ އަސަރުކެއްގެ އަސްލުކަމާއި މެދު ކުޑަކޮށްވެސް ޝައްކެއް ނެތެވެ. ގެދޮރުވެރިކަމަށް ބޮޑު އިސްކަމެއް، ބަޖެޓްގައި ހިމަނާ 1.8 ބިލިއަން ކަނޑައެޅިގެންދިއުމަކީ އިޖްތިމާއި އެކި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލއަކަށްވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ މައްސަލައަށް ލިބޭނެ އެންމެ ބޮޑު ހައްލުވެސްމެއެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ބަޖެޓް ހުށަހަޅައިދެއްވުމަށް މަޖީލީހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ ވިދާޅުވެފައިވަނީ ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވަރުކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރައީސްގެ އެ ތަސައްވުރާއި އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް ކަމަށެވެ. އެހެންކަމުން ދެން ފެންނާނީ އެ ދުވަސްތައް ކަމަށާއި، ދިވެހިން މޫނުމަތިން އުފާވެރިދުވަސްތަކުގެ އަސަރުތައް ފެންނަން މާގިނަދުވަހެއް ނުނަގާނެ ކަމަށެވެ.
މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތީ އަދުގެ ސަރުކާރަށެވެ. ފާސްކުރި ބަޖެޓްގެ ބޮޑު ހިއްސާއަކީ އެ މަޖިލިސް މެޖޯރިޓީއެވެ. ސަރުކާރުގެ އަމާޒަކީ ގައުމުގެ ތަރައްގީއެވެ. ރައްޔިތުންގެ ހިތްތަކުން އަތްކަށް ފޯރާނެ އުއްމީދި ތަސައްވުރެއް ގެނެސްދިނުމެވެ.
މި ފަސް އަހަރު ތެރޭގަ އެދުވަސްތައް އުއްމީދީ ލޮލަކުންބެލުމަށް ރައްޔިތުންތިބީ ތައްޔާރަށެވެ.

