ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މޫސާ ޢަލީ ޖަލީލަށް މި އިއްޒަތް އެރުވުމަށް ނިންމެވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އޭނާ ކޮށްދެއްވި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
އަދި ޚާއްސަކޮށް 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި އޭނާ ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
މި އިއްޒަތް ދެއްވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
މޫސާ ޢަލީ ޖަލީލަށް މި އިއްޒަތް އެރުވުން އޮންނާނީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

