ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހަކު ބުނުމުން މަޑުނުކޮށް ދާން މަސައްކަތްކޮށް، އެ ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ރޭ 22:42 ހާއިރު ހުޅުމާލެ ރީތިގަސް މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހަކު ބުނުމުން މަޑުނުކޮށް ދާން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ ސައިކަލު ހުއްޓުވަން އުޅުމުން އެ ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސާފައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުށްފުށި، މިލްކުރާގެ، އަޙްމަދު ޝާހީން ޝަހީދު (18އ) އެވެ.
ފުލުހުން ބުނީ ސައިކަލުން ޖެއްސުމުން ފުލުސް މީހާ ލިބުނު އަނިޔާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

