ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ނުވަތަ "ބަޑި ބުރާސްފަތީގައި" ދިވެހިން ސިފައިން ބޭނުންކުރި ހަތިޔާރުތައް ދައްކާލައި، އެ ދުވަހާ ގުޅޭ ޚާއްސަ މައުރަޒެއް ބާއްވަން އެމްއެންޑީއެފްއިން ނިންމައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ މިއަހަރުގެ މައުރަޒު ވަރަށް ތަފާތުވާނެ ކަމަށާއި، މި މައުރަޒު ބާއްވާނީ "ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ގެ ނަމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މި މައުރަޒުގެ މަގުސަދަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ރާއްޖެއަށް ކުރިމަތިވި ބޮޑު ނުރައްކަލާއި، ޝަހީދުވި ބަތަލުންގެ ވާހަކައާއެކު އެ ހާދިސާ އަދުގެ ޖީލަށް އުންގަންނައިދިނުމުގެ މަގުސަދުގައި ބާއްވާ މައުރަޒެއް ކަމަށެވެ.
މި މައުރަޒުގައި އެ ދުވަހުގެ ހާދިސާ ސިފަކޮށްދޭ ކުރެހުމާއި، ފޮޓޯ/ވީޑިއޯ އާއި، އެ ދުވަހު ބޭނުންކުރި ބައެއް އާލާތްތައް ފެންނަން ހުންނާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
3 ނޮވެމްބަރު 1988 ގައި ދިވެހިންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ބަޔަކާ ގުޅިގެން ރާއްޖެއަށް ދިން ހަމަލާގެ ހާދިސާއާ ގުޅޭ މި މައުރަޒު ކުރިއަށްދާނީ މިއަހަރުގެ ނަސްރުގެ ދުވަސް، މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ސަޢީދު ވިދާޅުވިއެވެ.

