ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަކީ ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސަރަޙައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދިއުމަށް ޤާއިމްކުރާ މި ފެސިލިޓީގެ މަސައްކަތް ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކުރީގެ ފަރުކޮޅުފުށި އޮތް ސަރަހައްދުގައި 5،000 އަކަ ފޫޓުގެ ބިމެއްގައި މި ފެސިލިޓީ ޤާއިމުކޮށްފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ބުޅަލުގެ މައްސަލައަށް މިއީ ހައްލެކެވެ. އެމަނިކުފާނު މޭޔަރަކަށް ހުންނެވި އިރު އަދި ކެމްޕެއިން ކުރެއްވި އިރުވެސް ރައްޔިތުން އެންމެ ބޮޑަށް އެދުނު ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޭޔަރުގެ މަޤާމަށް ކުރިމަތިލުމަށް ކެމްޕޭން ކުރެއްވިއިރުވެސް މާލޭގައި ބުޅާތައް ގިނަވުމާއި ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބުނު ކަމަށާއި އޭރުވެސް އެ މައްސަލައަށް ހައްލު ގެންނަވާނެކަމަށް ވިދާޅުވިކަމަށެވެ.
އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބި މިކަން ދިގުލައި ދާން ފެށުމުން، މޭޔަރުކަމުގައި ރައީސް ޑރ. މުޢިއްޒު ހުންނަވައި، މިކަން ޙައްލުކުރެވޭނެ މަގެއް ފެނޭތޯ، ބޮޑުތަކުރުފާނުމަގު، މަސްވެރީންގެ ޕާކު އޮތް ސަރަޙައްދުން އެކަމަށް ޖާގައެއް ޚާއްޞަ ކުރެއްވޭތޯވެސް 2023 ވަނަ އަހަރު މަސައްކަތް ކުރެއްވިއެވެ.
2023 ނޮވެމްބަރ 17 ގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގެން، ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއަރ ހިމެނުއްވިއެވެ. އަދި މާލެ ސިޓީގައި އެންމެ އިސްކަން ދެއްވައިގެން ޙައްލު ހޯއްދަވާ އެއް ކަމެއްގެ ގޮތުގައި، ޕެޓް ކެއަރ ފެސިލިޓީ ބިނާކުރުން ހިމަނުއްވައި، ހުޅުމާލެ 2 ވަނަ ފިޔަވަހީން އެކަމަށް ޚާއްޞަ ބިމެއް ސަރުކާރުން ހަމަޖެއްސެވިއެވެ.
ޕެޓް ކެއަރ ފެސިލިޓީއަށް ބޭނުންވާ ބިން ހަމަޖެއްސުމަށްފަހު އެނިމަލް ވެލްފެއަރ މިނިސްޓްރީއާ، މާލެ ސިޓީ ކައުންސިލް ގުޅިގެން ކެޓްޝެލްޓަރ ބިނާކުރެވޭނެ މާލީ އެހީއާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެއްވި އިރު، މި މައްސަލަ ހައްލުކުރުމަށް އިސްކަންދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންތައްތަކުގެ ތެރޭގައި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ މަސައްކަތް ހިމެނުއްވި ކަމަށްވެސް ވިދާޅުވިއެވެ.ރައީސް އިތުރަށް ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވާއިރު މިކަމަށް އާންމުންގެ އެހީތެރިކަން ބޭނުންވާނެކަމަށާއި، އެތަނުން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަށްއޮތްތާނގައި ފުޅާވެސްކުރެވޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ހައްލު ގެނައުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވާއިރު މިކަމަށް އާންމުންގެ އެހީތެރިކަން ބޭނުންވާނެކަމަށާއި، އެތަނުން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަށްއޮތްތާނގައި ފުޅާވެސްކުރެވޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ހައްލު ގެނައުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވާއިރު ކުރިއަށް އޮތްތާނގައި ބުޅަލާއެކު އާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއްވެސް ހުޅުވުމަށް ހަމަޖެހިފައިވެއެވެ.

