މިއީއަމަލާ ބަހާ ދިމާވާ، ވައުދުތައް ފުއްދާ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައް ކުރުމަށް އިސްކަންދޭނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކުރި “އޮޅު ހިޔާ” ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، މިހާރުވެސް ސަރުކާރުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ މަގުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިފަދަ (މަގުމަތީގައި ބުޅާ ގިނަވުން) ކަންތައްތައް ހައްލު ކުރުމަށް ސަރުކާރުން އިސްކަންދޭނެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން. މިކަމުގައި ދެވަނަ ވިސްނުމެއް ނެތް. ރައްޔިތުންގެ އިހުސާސްތަކަކީ ކޮބައިތޯ ބަލާ ރައްޔިތުންނަށްޓަކައި ކަންތައްތައް ނިންމަމުން މިދަނީ” ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން 160 ކައުންސިލާ ބައްދަލުކުރައްވާ، ކައުންސިލްތަކުން ފާހަގަކުރެއްވި ގިނަ ކަންތައްތައް ތަންފީޒުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ފުރަތަމަ ކަމަކަށް، މިއީ އަމަލާ ބަހާ ދިމާވާ، ވައުދުތައް ފުއްދާ ސަަރުކާރެއް، ދެވަނަ ކަމަކަށް މިސަރުކާރަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައް ކުރުމަށް އިސްކަންދޭނެ ސަރުކާރެއް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމުގައި އެންމެ ބޮޑަށް އެންމެ އިސްކަމެއްދީގެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާކަން އެއީ ފެންނަން އޮތް ހަޤީޤަތެއް،” ރައީސް ވިދާޅުވިއެވެ.

