މާލެ ސަރަހައްދުގައި މަގުމަތީ އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ތަރައްޤީކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ “އޮޅުހިޔާ” މިއަދު ހަވީރު ރައީސް ޑރ. މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 5000 އަކަފޫޓުގެ ބިމެއްގައި ގާއިމުކޮށްފައިވާ މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
“އޮޅުހިޔާ” އިން ދޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަނަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން، ކާންދިނުމާއި، ބޭސްއެޅުން ހިމެނެއެވެ. މީގެ އިތުރުން، އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެހެނިހެން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ހެދުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުން ހިމެނެއެވެ.
މި ފެސިލިޓީ ހުޅުވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، “އޮޅުހިޔާ” އަކީ މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ފެސިލިޓީން ޖަނަވާރުތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިތުރުން، ޖަނަވާރުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓް ކެއަރ ފެސިލިޓީ، “އޮޅު ހިޔާ” ހުޅުއްވައި ދެއްވައި އެތަން ބައްލަވާލައްވާފައެވެ.
“އޮޅުހިޔާ” ގެ ޚިދުމަތް ފެށުމާއެކު، މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭ ބުޅާތަކުގެ އަދަދު މަދުވެ، އެ ޖަނަވާރުތަކަށް ބޭނުންވާ އަޅާލުމާއި ފަރުވާ ލިބޭނެކަމަށް އުންމީދު ކުރެވެއެވެ.

