މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް 3 ދައުރުގައި އަޅާނުލައި ދޫކޮށްލާފައި އޮތް ބޮޑު މައްސަލައަކަށް، ރައްޔިތުން ނުހަނު ކަންބޮޑުވިކަމަކަށް، ރައީސް ޑރ. މުޢިއްޒު ދާއިމީ ޙައްލެއް ހޯއްދަވައިދެއްވައިފިއެވެ. ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ރައީސް މިއަދު ހުޅުއްވައިދެއްވި ކެޓް ޝެލްޓަރ، “އޮޅު ހިޔާ” އަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުން ދިޔަ ބުޅަލުގެ އުނދަގުލުން ސަލާމަތްކޮށްދީ، އަދުގެ ސަރުކާރުން ހޯދައިދީފައިވާ ހައްލެކެވެ.
މާލެ ސިޓީގައި ބުޅާ ގިނަވެ، ނުބެލެހެއްޓި، އާންމު ދިރިއުޅުމަށް އުނދަގޫވާ މިންވަރަށް މިކަން ގޮސްފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް ތިން ދައުރުގައި މިކަމާ އެއްވެސް ވަރަކަށް އަޅާލާފައެއް ނުވެއެވެ. ނަމަވެސް 2021 ވަނަ އަހަރު މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށްފަހު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އޭރު ކުރެއްވި ކެމްޕޭނުގައި މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންނެވިއެވެ.
މޭޔަރުކަމާ ހަވާލުވެވަޑައިގަތުމާއެކު، 2021 ވަނަ އަހަރު ޑރ. މުޢިއްޒު ވަނީ ކެޓް ޝެލްޓަރެއް ޤާއިމުކުރުމަށް ބިމެއް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ. ނަމަވެސް، އޭރުގެ އެމްޑީޕީގެ ކޯލިޝަން ސަރުކާރުން މިކަމަށް އެއްބާރުލުމެއް ނުދިނެވެ. 2023 ވަނަ އަހަރު، ޑރ. މުޢިއްޒު ވަނީ ބޮޑުތަކުރުފާނު މަގުގައި ހުރި މަސްވެރިންގެ ޕާކު ސަރަހައްދުން މިކަމަށް ޖާގައެއް ހޯދޭތޯ މަސައްކަތް ކުރައްވާފައެވެ.
2023 ނޮވެމްބަރ 17 ގައި ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޑރ. މުޢިއްޒު ވަނީ ދަނޑުވެރިކަމާބެހޭ ވުޒާރާގެ މެންޑޭޓްގައި އެނިމަލް ވެލްފެއަރ ހިމަނުއްވައި، ހުޅުމާލޭގެ 2 ވަނަ ފިޔަވަހީން ކެޓް ޝެލްޓަރ އެޅުމަށް ބިމެއް ހަމަޖައްސަވައިދެއްވާފައެވެ. އެނިމަލް ވެލްފެއަރ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކެޓް ޝެލްޓަރ ބިނާކުރުމަށް ބޭނުންވާ މާލީ އެހީއާއި ވަސީލަތްތައް ސަރުކާރުން ހަމަޖައްސައިދެއްވާފައިވެއެވެ.
މި ޝެލްޓަރ ޤާއިމުކުރުމުން، އެތައް އަހަރެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށްވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލު ލިބި، މަގުމަތި ސާފުތާހިރުވެ، ބުޅާ ބެލެހެއްޓުން އިންތިޒާމުކުރެވޭނެއެވެ. މި ޝެލްޓަރގައި ބުޅާ ބަލަހައްޓައި، ކާންދީ، ބޭސްފަރުވާކުރެވޭނެ އިންތިޒާމާއި، ތަމްރީނު ލިބިފައިވާ މުވައްޒަފުންނާއި ޑޮކްޓަރުން ތިބޭނެއެވެ.
މާލެ ސިޓީގައި ބިނާކުރެވޭ މި ކެޓް ޝެލްޓަރުގެ ސަބަބުން، އެތައް އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލަ ހައްލު ކުރެވޭނެއެވެ. މީގެ ސަބަބުން ރަށުތެރެއާއި މަގުތައް ހަޑިވެ ނަޖިސްވުން ކުޑަވެ، ބުޅާ ބެލެހެއްޓުންވެސް އޯގާތެރިކަމާއި އަޅާލުމާއެކު އިންތިޒާމު ކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާްޔާ ޑރ. މުޢިއްޒު ވިދާޅުވީ، “މާލެ ސިޓީގައި އެންމެ އިސްކަން ދެއްވައިގެން ހައްލު ހޯއްދަވާ އެއް ކަމެއްގެ ގޮތުގައި ކެޓް ޝެލްޓަރ ބިނާކުރުން ހިމަނުއްވައި، ހުޅުމާލެ 2 ވަނަ ފިޔަވަހީން އެކަމަށް ޚާއްޞަ ބިމެއް ހަމަޖެއްސުމަކީ، މި މައްސަލައަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ. މިއީ އެތަކެއް އަހަރުތަކެއް ވަންދެން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހައްލު ނުލިބި އޮތް ކަންބޮޑުވުމަކަށް، އަޅުގަނޑުމެންގެ ސަރުކާރުން ހޯދައިދިން ދާއިމީ ހައްލެކެވެ.”
މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުން ދިޔަ ބުޅަލުގެ އުނދަގުލުން ސަލާމަތްވެ، ރަށުގެ ސާފުތާހިރުކަން އިތުރުވެ، ބުޅަލަށް އޯގާތެރި ގޮތެއްގައި އަޅާލެވޭނެ ކަމަށް ބެލެވެއެވެ. މިއީ އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް، ރައްޔިތުން ނުހަނު ކަންބޮޑުވި މައްސަލައަކަށް ރައީސް ޑރ. މުޢިއްޒު ހޯއްދަވައިދެއްވި ދާއިމީ ހައްލެއްކަން ޔަގީނެވެ.

