މިއަހަރުގެ ތެރޭގައި 50 ރަށެއްގައި އަދި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އިތުރު 120 ރަށެއްގައި ކައުންސިލް އިމާރާތް އަޅައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ވައުދު ފުއްދާ ސަރުކާރެއް ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް އިސްކަންދޭނެ ކަމަށެވެ.
“މި އަހަރުގެ ތެރޭގައި ފެށޭނެ މަޝްރޫޢު، އަޅުގަނޑު ކަނޑައެޅީ 50 ރަށެއްގައި ކައުންސިލް އިމާރާތް އަޅައި ދިނުމަށް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތްތައް އަޅައި ދޭނަން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 160 އަށް ވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ކައުންސިލްތަކުގެ ބޭނުންތައް ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
“ވޭތުވެދިޔަ އަހަރެއްހާ ދުވަހުގައި 160 އެއްހާ ކައުންސިލާ އަޅުގަނޑު ގޮސް ބައްދަލުކޮށް އަމިއްލަ އަތުން ނޯޓު ލިޔެ، ރައީސް އޮފީސް މެދުވެރިކޮށް، އެކަންކަން، ކަމާބެހޭ ވުޒާރާތަކާއި އޮފީސްތައް މެދުވެރިކޮށް ތަންފީޒު ކުރަމުން މިދަނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގައި އެންމެ ބޮޑަށް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަން އެއީ ފެންނަން އޮތް ހަގީގަތެއް، ކައުންސިލްތަކުގެ އިމާރާތްތައް ހަލާކުވެގެން ނެތިގެން ދާ ދިއުމުގައި، މިދިޔަ ޒަމާންތަކުގައި، 20 ،30 އަހަރުވެފައިވާ އިމާރާތްތަކަށް ވަދެވުނު، ކައުންސިލް މެންބަރުން ވިދާޅުުވަމުންދިޔައީ ސާޅީސް ފަންސާސް އަހަރުވެފައި ހުުރި ތަންތަނޭ، ހަގީގަތުގައި 40 އަހަރުވެފައި ހުރި އިމާރާތްތައް އެބަހުރި، މަރާމާތުވެސް ކޮށްނުލެވި، އިރާދަކުރެއްވިއްޔާ އިއުލާނުކުރި ގޮތަށް މިއަހަރުތެރޭ ފެށޭނެ މަޝްރޫއު، ކަނޑައެޅީ 50 ރަށެއްގައި ކައުންސިލް އިމާރާތް އަޅައިދޭން، މިދައުރުގައި ބާކީ އޮތް ދުވަސްތަކުގައި، އެކުއެކީގައި 120އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިމާރާތްތައް އަޅައިދޭނަން، ކައުންސިލްތައް ބާރުވެރި ކުރުވައިގެން،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތައް މެދުވެރިކޮށް ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

