ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އަދަދެއް ކައުންސިލްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ވާހަކަ ރައީސް ވިދާޅުވީ މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދީފައިވާ ކަމަށާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ބްލޮކް ގްރާންޓްގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
“ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ފަހިކޮށްދީފައި ކައުންސިލުތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދީފައި ވާނީ، ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި ޕަސެންޓެއް ކައުންސިލްތަކަށް ޖަމާކޮށްދޭން އެވަނީ ނިންމާފައި ، ބްލޮކް ގްރާންޓުގެ ފަސް ޕަސެންޓު ގާނޫނު އޮތް ގޮތް، މިފަހަރު ބަޖެޓް ފާސްވާއިރު ހުރިހާ ކައުންސިލަކަށް ލިބޭނެ، އޭގެ އިތުރަށް މިދެންނެވި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލު ކުރަން ގާނޫނު އިސްލާހު ކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ފޮނުވާނަން،
އޭގެ އިތުރަށް ވެސް ކުރިއަށް އޮތް ހަފުތާ ދެ ހަފުތާއެއްހާ ތެރޭގައި އިއުލާން ކުރާނަން ގާނޫނުގައި ލިޔެވިފައި ހުރި މިއަދާ ހަމައަށް ކައުންސިލްތަކާ ހަވާލުނުކޮށް ހުރި ކަންތައްތަކެއް ހަވާލުކުރާ ވާހަކަ، އޭގެ ކެބިނެޓް ލެވެލް މަޝްވަރާ ތައް އެހިނގަނީ،
އެހެންވީމަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތައް ބާރުވެރި ކުރުވައި ކައުންސިލުތައް މެދުވެރިކޮށް، ސަރުކާރުގެ އެގްޒެކިއުޓިވްބްރާންޗުގެ ފަށަލައެއް، ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި އަމަލާ ބަހާ މިދަނީ ދިމާކުރަމުން އެކަމުގެ ނަތީޖާއެއް ފެންނަމުން މިދަނީ ހުރިހާ ކަމެއް ފަހިކޮށްދީ،
ސީދާ މިނިސްޓްރީން ކުރިއަށް ގެންދާގޮތަށް ކޮންޓްރެކްޓަރެއް ނަގާފަ ޕްރައިވެޓް ފަރާތެއް ލައްވާވެސް ކުރެވުނީސް، އެކަމަކު އަޅުގަނޑު ބޭނުންވީ ކައުންސިލް މެދުވެރިކޮށް ކުރަން، އަމުދުން އަޅުގަނޑު އޭރު އުޅެއުޅެ އޭރުގެ ސަރުކާރުން މަގުފަހިކޮށް ނުދިނީތީވެސް ބޭނުންވީ ކައުންސިލް މެދުވެރިކޮށް ކުރަން، އެހެންވެ ކައުންސިލާ ހަވާލުކުރީ.”
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ “އޮޅު ހިޔާ” މި ނަމުގައި ޕެޓް ކެއަރ ފެސިލިޓީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ފެސިލިޓީއަކީ މާލެ ސަރަޙައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓާ ތަނެކެވެ. މި ފެސިލިޓީގެ މަސައްކަތް ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. 5،000 އަކަ ފޫޓުގެ ބިމެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކުރީގެ ފަރުކޮޅުފުށި އޮތް ސަރަހައްދުގައި މި ފެސިލިޓީ ޤާއިމުކޮށްފައިވެއެވެ.

