މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަތްކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
ކަސްޓަމްސްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކުން ރާއްޖެ ގެނައި އެއާފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުން މި ތަކެތި ފެނިފައިވެއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 416 ގްރާމްގެ ކެތިނޯން އަދި 5,520 ގްރާމްގެ ކެނެބިސްއެވެ. މި ތަކެތީގެ މަގުމަތީގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

