ސަރުކާރު އޮތީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ކަންކަން ކުރާނީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރި ކެޓް ޝެލްޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.
މިއަދާ ހަމައަށް އައިއިރުގަ އެތައް ކަމެއް އިރާދަކުރެއްވީތީ ރައްޔިތުންގެ ފަޅީގަ ތިބެގެން، ރައްޔިތުންގެ އިހުސާސްތަކަކީ ކޮބައިތޯ ވިސްނައިގެން، ރައްޔިތުންނަށްޓަކައި ނިންމަމުން މިދަނީ. އެތައް ދުވަހެއްވީ، އަތްލާން ނުކެރިފަ ހުރި އެތައް ކަމެއް، ބާރުގަދަ އެތައް ބައެއްގެ ބާރުތަކުގެތެރޭގަ ތަޅުލެވިފަ ހުރި އެތައް ކަމެއް، ރައްޔިތުންގެ ފަޅިއަށް ސަރުކާރު ޖެހިލައިގެން މިދަނީ ކުރަމުން.
މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނީ މިގޮތަށް ކަމަށާއި، ހުރިހާ ކަމެއް ވެސް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން ކަމަށެވެ. އަދި އެ ކަން ކުރުމުގައި ކުރިއަށްދާނީ ކައުންސިލަރުންނާއި، މަޖިލިސް މެންބަރުންނާއި އެހެން ބޭފުޅުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ހޯދައިގެން ކަމަށެވެ.

