މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފިއެވެ.
ދެކޮންޓެއިނާ ސިމެންތި ބަރުކޮށްގެން މާލެއިން ފުރައިގެން ޅ.މާބިންހުރައަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓި ބަންޑުންވެ އެމް.އެން.ޑީ.އެފް ކޯސްޓްގާރޑުން ވަނީ ހަރަކާތްތެރިވެފައެވެ.
މިހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ދަންވަރު 02:45 އެހާކަންހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެސަރަހައްދަށް ދިޔުމަށްފަހު ކޮޅުވެއްޓިން ދަތުރުކުރި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް އެމް.އެން.ޑީ.އެފް އިން ވަނީ ހާމަކޮށްފައެވެ.
ރޭ ދަންވަރު ބަންޑުން ޖަހާލި ކޮޅުވެއްޓި މިއަދު ހެދުނު 06:51 ހާއިރު ވަނީ އެއްކޮށް އަޑިޔަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަޑިޔަށް ގޮސްފައިމިވަނީ ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެކެވެ.
ދިގުމިނުގައި 35 ފޫޓް ހުރި މިކޮޅުވެއްޓި ބަންޑުން ޖަހާލީ ޅ.މާފިލާފުށި ކައިރިންނެވެ. އެވަގުތު އެކޮޅުވެއްޓީގައި ދިވެއްސަކާއި ބަންގްލަދޭޝް ތިން މީހުން ދަތުރުކުރަމުންދިޔައެވެ.

