ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާންދިޔަ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމުގެ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ރޮހަމާން (29އ) އެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުންގެ ކޮންޓްރޯލް ޑެލިވަރީގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާ ހަވާލުވާން އޭނާ ގޮސްފައިވާކަން، ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނަށް ބެލުމުން އެނގޭ ކަމަށެވެ.
ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ އެ ތަކެއްޗަކީ މީހަކު އޭނާ ގާތު މަސައްކަތެއް ކޮށްދޭށޭ ބުނެގެން ކޮށްދިން ކަމެއް ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި ހާދިސާއަކީ ޖަމާއަތް ހަދައިގެން ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެއްކަމަށް ބެލެވެއެވެ.
މި މައްސަލާގައި 7 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

