ކުލަގަދަ ގޮތެއްގައި މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފްއިން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން މިރޭ އާންމުކުރި ޚަބަރެއްގައި ބުނެފައިވަނީ މާދަމާ ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުން ކަމަށެވެ.
ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރާނީ
އިސްލާމީ މަރުކަޒުގައެވެ.
އެއަށްފަހު މާދަމާ ހެނދުނު، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް އެމްއެންޑީއެފްއިން ބުންނެވެ.
އެމްއެންޑީއެފްއިން ބުނީ މާދަމާ ހެނދުނުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އޮންނާނީ “ނަސްރު ދުވަހުގެ ސިފައިންގެ މައުރަޒު” ހުޅުވުން ކަމަށެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާޓް ގެލަރީގައި ކަމަށެވެ.
މީގެއިތުރުން މާދަމަ ހަވީރު ޖުމްހޫރީ މައިދާނުގައި ޚާއްސަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މާދަމާރޭ ދަރުބާރުގޭގައި ނަސްރު ދުވަހުގެ ޚާއްސަ ޖަލްސާ އޮންނާނެ ކަމަށެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

