ގަޑިން މިހާރުމިވީ 5:30އެވެ. އަހަރެންގެ ގަލަމުގެ ތުޑު މިހިންގާލަނީ ނަސްރާއި ފަތަހައިގެ ކާމިޔާބީގެއުފާ ހިތަށް ވެރިކުރުވަމުން އެދުވަހު އެރޭގެ ހަނދާންތައް ތާރީހުގެ ފަށްފުއްތައް ނިއުޅައިލަމުންނެވެ. ދިވެހިދަރިއަކު އިސްވެހުރެ މީގެ 36 އަހަރު ކުރީން ގައުމާއި ތޮޅެންއައި ބިރުވެރި ހިތި ހަންދާންތަކުގެ ވާހަކަތަކާއެކުގައެވެ.
އަދުއްވުން މިދިވެހި ފަސްގަނޑަށް ޤައްދާރުވާން ކުރި ބަޤާވާތުގެ ވާހަކައިން އިބްރަތަކަށް ފުދޭނޫންތޯއެވެ. އެ ބިރުވެރި ނާމާން ދުވަހުގެ އަސަރުތައް މިފަތިސް ގަޑީގެ ތިލަކޮށްލަނީ އަދިވެސް އެއަސަރުތައް ނުކެނޑޭތީއެވެ. މިއަދަށް 36 އަހަރުވެގެންދާއިރު އަދިވެސް ބިރުވެރިކަން ހިތުގައި ބިންވަޅު ނެގިފައިވަނީ އަސަރުތަކާއެކުގައި ކަމަށްވާތީއެވެ.

ނޮވެމްބަރު 3 އެއްގެ ބަތަލުންގެ ހަނދާން އާކުރަަމުންދާއިރު ފަޙްވެރިވާން ޖެހެނީ އެބަތަލުން ހަށިފޮޅާލާނުކުމެ ޤައުމަށް ނަސްރާއި ފަތަހަ ހޯދާފައިވާތީއެވެ. މިރޭގެ ފަތިހުގެ ހަމަހިމޭންވަގުތު އަރާމު ނިދި ތަންމަތިތައް ކުއްލިއަކަށް ދޫކޮށްލަންޖެހުނީ ކަންފަތުގަ ޖެހުނު ބާރު އަޑުފައްގަނޑަކުންނެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނު އެ އަޑަށް ފުންމައިގެން ތެދުވެވުނީ ގަނެފައިވާ ބިރުން ކަމަށް އެދުވަސް ތަޖުރިބާ ކުރިމީހަކު ކިޔައިދީފައެވެ.
ޓިއް. ޓިއްހްހްހްހް ޓީއްޓީއް….. އަޑު އައި ގޮތުން ބާރު ހޮނުގުގުރިއެއްގެ އަޑުނޫންކަން އެނގެނު ކަމަށްވެއެވެ. މިއީކޮން އަޑެއްބާއެވެ. އާދަޔާ ހީލާފު އެއަޑަކީކޮން އަޑެއްތޯނޭގި ތުރުތުރު އަޅަމުންދިޔަމީހުން ގެއިން ބޭރަށް ނުކުންނަންވެސް ނުކެރިފަ ތިއްބެއެވެ.
ގިނަބަޔަކު ގަބޫލުކުރީއެއީ ސިފައިންގެ ތަމްރީނެއް ކަމަށެވެ. އާހ…. އެއީ ނޮވެމްބަރު އެގާރައަށް ތައްޔާރުވަނީ ކަމަށާއި، ކުރިއަށް އޮތީ ޖުމްހޫރީދުވަސް ކަމަށް ބައެއް މީހުން ގަބޫލުކުރިއެވެ. ނަމަވެސް ފަތިހުގެ އަރާމު ނިދި ނިދޭ ގޮތްނުވެ އަޑު ދިޔައީ އިރަކަށްވުރެ އިރެއް ބާރުވަމުންނެވެ. ފަތިސް ނަމާދަށް ހޭލި ފިރިހެންވެރިން ބޭރަށް ނުކުތެވެ. ދެން ވާނެ ގޮތެއްނޭގި ނުކުމެވުނު ފިރިހެންވެރިނަށް އަމާޒުވީ ބަޑީގެ ވިހަ އުންޑަތަކެކެވެ. އެ ނާކާމިޔާބު ބަޢާވާތުގެ މާޒީން ބިރުވެރި ސިގްނަލް އަޅަމުން މާލޭ ތެރޭ ދުއްވި ވެހިކަލްތަކާއި، ބަޑީގެ ހޮނުގުގުރިއެއީ އަމާންކަން ގެއްލުނު ހިދުކޮޅަކަށްވިއެވެ.
އެ ނާމާން ބިރުވެރި ވަގުތުކޮޅު، އަދުގެ ފަޙްރުވެރި އަބްތާލުން ލެއިން ގުރުބާން ކޮށްލީ ހަށި ފޮޅާލާފައެވެ. ގައުމައްޓަކާ ވެވުނު ޤުރުބާނީއެއްގެ ގޮތުގައެވެ.
ދެންވީގޮތް މިނިކަން ކިޔާލަމާ ހިނގާށެވެ. މިއަދު އެ އަޑެއްނެތެވެ. ބިރުވެރި ކަމެއްނެތެވެ. އަދު ދިވެހިން މިދެކެނީ އަމާންކަމެވެ. މިނިވަން ހިޔާވަހިކަމެވެ. "ފަތިސްތަރިން" މިގެނެސްދެނީ މީގެ 36 އަހަރު ކުރީގެ އެދުވަހުގެ މާޒީއެވެ. އެހަނދާންތައް ދިވެހިންގެ ހިތުން ފިލައިގެން ނުދިޔަ ހިތްދަތި ބިރުވެރި ކަމުގެ ވާހަކައެވެ. ބަދެވި ކަސްތޮޅުއެޅުވި ތިބި ނާމާން ދުވަހުގެ ބަތަލުންގެ ގުރުބާނީގެ ވާހަކައެވެ.
އާދެ! އަހަރެން ދުނިޔެއަށް އޭރު އުފަންވެސް ނުވެއެވެ. މިއަދު އެވާހަކަތައް ތިޔަ ކިޔުންތެރިންނާއި ހަމަޔަށް ކޮންމެވެސް ވަރެއްގެ ތަފްސީލެއް ލިޔެ މިގެނެސްދެނީ ގައުމީ ކުލުނުން އަހަރެން ދެ އަތް ކަސްތޮޅު ނޭޅުވުނީމަކަން ޔަގީނެވެ. ނަސްރާއި ފަތަހަ ހޯދަދިން ދިވެހި ސިފައިންނަށް ޝުކުރު ހައްގެވެ.
މިނިވަން ގަލަމުން ގަލަމުގެ ތުޑު މިހިންގާލަނީ އެ ބިރުވެރި ފަތިހުގެ ވަގުތުގައެވެ. މިއަދުވެސް ކަންބޮޑުވުމެއް އެބައޮތެވެ. އެތަކެއް ދިވެހި ފުރާނަތަކެއްގެ ލޭ މިބިން މައްޗަށް އޮހޮރާލުމަށް ދިވެހި ދަރިއަކު އިސްވެހުރެ ފަސްނުޖެހުނީތީއެވެ. އެ ޤައްދާރު ބާގީ ލުތުފީއަށް މިނިވަންކަން ހޯދުމަށް މަސައްކަތްކޮށް މިދިވެހި ފަސްގަނޑުން ކުޑަ ހިދުކޮޅަކަށްވެސް އޭނާއަށް ޖާގައެއްދެވުނީތީއެވެ. ދިވެހި ދަރިންގެ ލޭ މިދިވެހި ފަސްގަޑަށް ކޮށާއަޅާލިއިރު އޭނާގެ ރަހުމެއް ނެތެވެ. ހިތުގައި އޮތީ ގައްދާރުކަމެވެ. އަނިޔާވެރި އެ ބާގީ އަބްދުﷲ ލުތުފީއާއި އެނާގެ އައުވާނުންނަށް މިފަސްގަނަޑާއި ފަސްގަނޑުގެ ލޯބި އަގުނުކުރެވުނު އެއްޗެކަށްވިއެވެ.

ބާޢީ ލުތުފީ ސިފައިންގެ ބެލުމުގެ ދަށަށް
އާންމުންނާއި ސިފައިންގެ ބޭކަލުން ހިމެނޭ ގޮތަށް 19 ދިވެހިން ޝަހީދުވި އެހާދިސާގައި ލުތުފީއާއި އޭނާގެ ބައިވެރިޔާ ސަގަރު އަހުމަދު ނާސިރުގެ މައްޗަށް ހުކުމްކުރީ ކުށުގެ އަދަބެއްގެ ގޮތުންނެވެ.
މިއަދުވެސް އެހަނދާންތަކާއެކު ހިތަށް ސިފަވަނީ އެ ނާކާމިޔާބު އެ ބަޣާވާތުގެ ހިތްވަރަކީ ގައުމުގެ ހަރުދަނާކަން ދައްކުވައިދިން ލޮބުވެތި ސިފައިން ކަމެވެ. މާދަމާގެ ޖީލަށް މިހަގީގަތް ހާމަވާންޖެއެވެ. އަހަރެންގެ ގަލުމަގެ ތުޑަށް މިވާހަކަ އައިހެން ހެޔޮގޮތުގަ ޖިލަކަށްފަހު ޖީލަކަށް މިއަމާނާތް ރައްދުކުރެވެންޖެއެވެ. ސަބަބަކީ ދިވެހި ފަސްގަނޑަށް ދިވެހި ދަރިއަކު މާދަމާވެސް ގައްދާރުވާން ނޭދޭތީއެވެ.
އަހަރެންނާއި ތިބާވެސް ޝާމިލްވާ ގޮތަށެވެ.

