މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި 8 ދިދަ ވަނީ ޖަހާފައެވެ. އެ 8 ދިދައިން ރަމްޒުކޮށްދެނީ 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ހަތް ބަޑީގެ ސަލާމެއް ވެސް އަރުވާފައެވެ.
މި ރަސްމިއްޔާތު ނިންމައިލީ ދުވަހާ ގުޅޭ ޚާއްސަ ދުއާއެއް ކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.
ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގައި ހަދާފައިވާ 3 ނޮވެމްބަރުގެ ހަނދާނީ ބިނާއަކީ އެ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ނަސްރު ލިބުމުގެ ހަނދާނެއްގެ ގޮތުން ހަދާފައިވާ ބިނާއެކެވެ.

