މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިފިއެވެ.
މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒު ބައްލަވައިލައްވާފައެވެ.
ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒުގެ މަގުސަދަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ ޚާއިނުންތަކަކާއި ބޭރު ބަޔަކު ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި، އެ ހަމަލާއިން ނަސްރު ހޯދުމަށް ދިވެހި ސިފައިން ދެއްކި ހިތްވަރު ކުރިއަށް އޮތް ޖީލުތަކަށް އަންގައިދިނުމެވެ.
މި މައުރަޒުގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އޭގެތެރޭގައި ފޮޓޯ/ވީޑިއޯގެ އިތުރުން ނަސްރުގެ ދުވަހު ސިފައިން ބޭނުންކުރި ބައެއް ހަތިޔާރާއި ބައެއް އާލާތްތައް އާންމުންނަށް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

