މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖޯޝުން ފުރިގެންވާ މެސެޖެއް ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވައިފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވީ 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކޮށް ޝަހީދުވި ސިފައިން ދެއްކެވި ހިތްވަރު ދޭހަވާ ޅެންބައިތުތަކެކެވެ.
އެ ޅެންބައިތުތަކުގައި ވަނީ ދިވެހި އުންމަތުގެ ހައްގުގައި، ދިވެހި ދިދަ ހިމާޔަތްކުރަން އަތުގުޅާލައި އިސްލާމްދީނާއި، ދިވެހި ބިމުގެ ޝަރަފަށްޓަކައި ދުޝްމަނުންނާ ދެކޮޅަށް ދިވެހި ސިފައިން ނިކުމެ އެއިން ބައެއް ބޭކަލުން ޝަހީދުވެގެންދިޔަކަން ބަޔާންކޮށްފައެވެ.
”ދިވެހި އުންމަތުގެ ހައްގުގައި ހަށި ފޮޅާލާ،
ދިވެހި ދިދަ ހިމާޔަތްކުރަން އަތުގުޅާލާ،
ދިވެހި ލެއިންނެ ދިޔައީ މިތާ ނަން ފަވާލާ،
ދިވެހި ބިމުގެ ޝަރަފަށްޓަކައި މާތްވި ދީނާ
ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ،
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ” ރައީސް ހިއްސާކުރެއްވި ބައިތުތަކުގައި ވެއެވެ.
3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވައިލި އެންމެ ބޮޑު ހާދިސާއެވެ. މި ހަމަލާ ދިނީ ދިވެހިންގެ ޚާއިނުންގެ މަދު ބަޔަކާއި ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ގުޅިގެންނެވެ.
މި ހަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހުން ޝަހީދުވިއެވެ.

