މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް އަލްއުސްތާޒު މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ތަހުނިޔާ ފޮނުއްވައިފިއެވެ.
ނަސްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ފޮނުއްވައި ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ނައިބު ރައީސް ވަނީ މާތް ﷲ މި ދިވެހިރާއްޖެ މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި އަބަދުވެސް ލެހެއްޓެވުމަށް އެދި ދުއާ ދަންނަވާފައެވެ.
މީގެއިތުރުން ބޭރުގެ އެކިއެކި ނުރައްކާތަކުން ރާއްޖެއާއި، ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވައި، ރާއްޖެއަށް އަބަދުވެސް ނަސްރާއި، ނަސީބު މިންވަރުކުރެއްވުމަށް ވެސް އެމަނިކުފާނު ދުއާ ދަންނަވާފައި ވެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން މަޖިލިސް ރައީސް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނަށާއި، ފަޚުރުވެރި ދިވެހި ސިފައިންނަށާއި، ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.
އަދި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މާތްވެގެންވާ އިސްލާމްދީނާ ދިވެހި އުންމަތުގެ ހައްގުގައި އަމިއްލަ ފުރާނަ ގުރުބާންކުރެއްވި ޝަހީދުންނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރެއްވުމަށް އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ.

