ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް އަހަރެއް ނުވަނީސް، ރާއްޖޭގެ އިގުތިސާދަށް ދިރުންގެނެސްދޭނެ އިތުރު ސިނާއަތެއް އުފެދިގެންދާކަން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ފާހަގަކުރައްވައިފިއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ ރާއްޖޭގެ ނާޒުކު އިގުތިސާދު ހަރުދަނާކޮށް، އިގުތިސާދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާއާތްތައް އުފެއްދެވުމަކީ ރައީސް ޑރ. މުޢިއްޒު، އެމަނިކުފާނުގެ ވެރިކަން ފެށްޓެވުމާއެކު އެންމެ އިސްކަންދެއްވި އެއް މަސައްކަތްޕުޅު ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރު ނުވަނީސް، “ސީޓު އެއަރ ކާގޯ” ނަމުގައި، އިގުތިސާދަށް ދިރުން ގެނެސްދޭނެ އިތުރު ދާއިރާ އަކުން މަސައްކަތް ފެށި، އެ މަސައްކަތް ތަރައްގީވާން ފަށާފައިވާކަން ވަޖީހު ފާހަގަކުރެއްވިއެވެ.
ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑު މަގުން އަންނަ މުދާ، ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މި މަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމު ތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ މަސައްކަތެއްކަން ވަޖީހު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ސީޓު އެއަރ ކާގޯގެ ޚިދުމަތް ފެށުމުގެ ގޮތުން އެމްޕީއެލްއިން ފުރަތަމަ ފަހަރަށް އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ މާޗު މަހުގައި ޓާކިޝް އެއަރލައިނާ އެކުއެވެ. އެއަށްފަހު ފުރަތަމަ ކާގޯ ޝިޕުމެންޓު ފޮނުވައިލީ މެއި މަހުގައެވެ.
ވަޖީހު ވިދާޅުވީ މިވަގުތު ރާއްޖެއިން ބޭރު ކުރެވޭ މުދަލަކީ، ބަނގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތައް ކަމަށެވެ. އަދި ބަނގްލަދޭޝްގެ ގާމެންޓު އިންޑަސްޓްރީގެ ބޮޑު ޕަސެންޓޭޖެއް ވައިގެ މަގުން ފޮނުވަނީ ޔޫރަޕުގެ ގައުމު ތަކަށް ކަމަށާއި، މިހާތަނަށް މި މުދަލުގެ ބޮޑު ބައެއް ދުނިޔޭގެ އެކި ގައުމު ތަކަށް ގޮސްފައިވަނީ، އިންޑިޔާ އާއި، ސްރީލަންކާ މެދުވެރިކޮށް ކަމަަށް ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގައި މި ޚިދުމަތް ފެށި ފަހުން މިކަމަށް ލިބޭ ތަރުހީބު ބޮޑުވެ، މިވީ ކުޑަ ދުވަސްކޮޅު ތެރޭ، މި ޚިދުމަތުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް، 96 ކޮންޓެއިނަރ (418 ޓަނުގެ މުދާ /34946 ދާގީނާ) ގެ މުދާ ވަނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މި މަސައްކަތުގައި މިވަގުތު ރާއްޖެ އަށް ދަތުރުކުރާ 7 އެއަރ ލައިނަރ އަކުން ބައިވެރިވެއެވެ.
ރާއްޖޭގައި މި ޚިދުމަތް ފުޅާވެ، މިކަމުގެ ޑިމާންޑު ބޮޑުވަމުންދާތީ، މި ވިޔަފާރީގައި އުޅޭ މި ސަރަހައްދުގެ ބައެއް ގައުމުތައް ކަންބޮޑުވާން ފަށާފައިވާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
މީގެއިތުރުން ވަޖީހު ވިދާޅުވީ ރާއްޖޭގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދާދިފަހުން އެމްޕީއެލްގެ ޓީމަކާއި، މި މަސައްކަތުގައި އިސްކޮށް އުޅުއްވާ، އެއްފަރާތް ކަމަށްވާ، އިނަރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤާއެކު ބަނގްލަދޭޝްގެ ޗިޓަގޮންގ އަށް ޒިޔާރަތްކޮށް ބަނގްލަދޭޝްގެ ގާމެންޓު ފެކްޓަރީތަކުގެ ވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްވަރާތަކުން އެނގިގެންދިޔަ މުހިންމު އެއްކަމަކީ، މިކަން ރަނގަޅަށް ކުރެވޭ ގޮތް ވެއްޖެނަމަ، މަހެއްގެ މައްޗަށް 400 އަށްވުރެ ގިނަ ކޮންޓެއިނަރ ގެ މުދާ ކަނޑު މަގުން ރާއްޖެ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެކި ގައުމު ތަކަށް ފޮނުވުމުގެ ފުރުސަތު އޮތްކަން ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ މިކަމަށްޓަކައި، (ކޮންޓއިނަރ ތައް ރާއްޖެ ގެނައުމަށްޓަކައި) ރާއްޖެއަށް ދަތުރު ކުރާ ޝިޕިންގ ލައިންތަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ، މެޝިނަރީތަކާއި އިކުއިޕްމެންޓުސްތައް ހަމަކޮށް، ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އިރާދަކުރެއްވިއްޔާ މިއީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިގުތިސާދަށް އިތުރަށް ދިރުން ގެނެސްދޭނޭ ސިނާއަތަކަށް ވެގެންދާނެއެވެ. ވަޖީހުގެ ޕޯސްޓުގައިވެއެވެ.
ސީޓު އެއަރ ކާގޯގެ ޚިދުމަތް ފުޅާކޮށް، ކަސްޓަމަރުންގެ އިތުބާރު ލިބޭފަދަ ފުރިހަމަ ޚިދުމަތްތަކެއް ފޯރު ކޮށްދެމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަސައްކަތުގައި ސީދާ ބައިވެރިވާ ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ އެމްޕީއެލްއާއި، އެމްއޭސީއެލް ގުޅިގެން މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައި ކަމަށް ވަޖީހު ވިދާޅުވިއެވެ.

