އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ހިދުމަތް ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން މިފަދައިން މި ބަޔާން ނެރުނީ، އަމިއްލަ އިންޝުއަރެންސް ސްކީމްތަކަށް އިސްކަންދޭގޮތަށް އާސަންދަ އައުޓްޕޭޝަންޓް ހިދުމަތަށް ގެނައި ބަދަލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާތީއެވެ.
އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ އިންޝުއަރެންސް ކަވަރޭޖް ނުވަތަ ޚިދުމަތް ނުލިބޭ ހާލަތެއްގައި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެއެވެ. އަދި އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމެންޓް ހުއްޓާލައި، އިންޝުއަރެންސް ޕޮލިސީން ކަވަރޭޖް ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި ވެސް ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ތެރޭގައި، އަމިއްލަ އިންޝުއަރެންސް ސްކީމަށް އިސްކަން ދޭން ފެށުމުން އާސަންދަ ނުލިބި ރައްޔިތުން ބޮޑެތި އަދަދުން ޑޮކްޓަރަށް ދައްކަން ފައިސާ ދައްކަންޖެހިފައިވާ ކަމަށް ބުނާ ބުނުން ހިމެނެއެވެ.
ކޭޝްލެސް ޕޭމެންޓް ނިޒާމަކީ ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން ދޭ ހިދުމަތަށް ފައިސާ ވަގުތުން ދައްކަން ނުޖެހި އެމުއާމަލާތް ސީދާ ހޮސްޕިޓަލާއި އިންޝުއަރެންސް ކުންފުންޏާ ދެމެދު ކުރެވޭ ނިޒާމެކެވެ. އެ ނިޒާމު ހުއްޓާލުމުން އެފައިސާ ދެއްކުމާއި އަނބުރާ ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނީ ހިދުމަތް ހޯދާ ފަރާތުންނެވެ.
އެންސްޕާއިން އިތުރަށް ބުނީ މި ދަނޑިވަޅުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެފަދަ ޢަމަލުތައް ހުއްޓާލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

