ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޠާހާއާއި، އިސްލާމްއާބާދުގައި ހުންނަވާ އަފްޣާނިސްތާނުގެ މަންދޫބު ސަރްދާރު އަޙްމަދު ޝަކީބާ ދެމެދު ބޭއްވި ބައްދަލުވުމަކީ ދިވެހި ސަރުކާރުން ހުއްދަ ދިން ބައްދަލުވުމެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ސަފީރު ޠާހާ، އިސްލާމްއާބާދުގައި ހުންނަވާ އަފްޣާނިސްތާނުގެ މަންދޫބު ސަރްދާރު އަޙްމަދު ޝަކީބާ ބައްދަލުކުރެއްވީ މިދިޔަ ހުކުރު ދުވަހުގައެވެ.
އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުން ހުއްދަ ދިން ބައްދަލުވުމެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނީ މިއަދު އާންމުކުރި ބަޔާނެއްގައެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން ބޭރުގެ ގަައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލު އުފެދޭ ހިނދު އަބަދުވެސް ބަލަނީ އދ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އދ. ގައި އަފްޣާނިސްތާން ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ގާނޫނީ ސަރުކާރުގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

