ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިންމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅގެން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ފާގަތިގެ، އަޙްމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) އެވެ.
މި ތިން މީހުންގެ ތެރެއިން، އަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިގަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލޭންނެވެ. ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނަޞީރު (45އ) ފަސް ދުވަހަށް، ޢަލީ އައިހަމް (18އ) 10 ދުވަހަށް އަދި ރޮހަމާން (29އ) ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

