އޮޅުހިޔާއަށް ގެންދާ ފުރަތަމަ ބެޗްގެ ބުޅާތައް މިހަފްތާތެރޭ ނަގަން ފަށާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޑރ. ރަމީލާ ވިދާޅުވީ މާލެ ސަރަހައްދުގެ މަގުތަކުގައި ހަތަރުހާހަ ށްވުރެ ގިނަ ބުޅާ އުޅޭކަށާއި އޭގެ ތެރޭގައި އެކި ހާލަތްތަކުގައި ތިބި ބުޅާތަައް ތިބިކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިހުރިހާ ބުޅާތަކެއް އެއްފަހަރާ ނެގުމަކީ ފަސޭހަ، އެންމެ ރައްކާތެރި ކަމަކަށް ވެސް ނުވެދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ޑރ. ރަމީލާ ވިދާޅުވީ ފެސިލިޓީއަށް ބުޅާތައް ގެންދިޔުމަށް ހާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އަދި މިޕްލޭންގެ ދަށުން ބުޅާތައް ނަގަމުން ދާނީ ބެޗު ބެޗަށް ކަމަށެވެ. އަދި ފެސިލިޓީއަށް ގެންދާ ބުޅާތަކުގެ ސިއްހީ މައްސަލަ ދެނެގަނެވި ފަރުވާ ދޭނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ފެސިލީޓީއަށް ގެންދެވޭ ހިސާބުން ބުޅާތައް ރަޖިސްޓްރީ ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި ވެރިފަރާތެއް ނެތް ބުޅަލުގެ އާބާދީ ދައްކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެކީ އެކައްޗަކަށް ބުޅާތައް ނެގޭނީ ޚާއްސަ ޕްލޭނެއްގެ ދަށުން. އެއީ ނެގޭ ބުޅާތަކުގެ ހާލަތު ދެނެގަންނަން ޖެހޭ. އަދި ޕެޓް ކެއަރ ފެސިލިޓީއަށް ވަނުމާއެކު ރަޖިސްޓްރީ ކުރެވޭނެ. މީގެއިތުރުން އަންހެން ބުޅާ ނުވިހާ އޮޕަރޭޝަން ކުރާނެ. އެއީ އޯނަރެއް ނެތި އުޅޭ ބުޅަލުގެ އާބާދީ ދައްކުރަން،" ވަޒީރު ވިދާޅުވިއެވެ.
މިހާރު ގާއިމު ކުރެވިފައިވާ ފެސިލިޓީން އެއްފަހަރާ 4000 ބުޅަލަށް ގެންގުޅެވޭނެ ކަމަށާއި، މި ފެސިލިޓީން ފަރުވާ ދޭނީ އެތަނަށް ގެންދާ ބުޅަލަށް އެކަނި ނޫންކަމަށާއި ޕެޓްގެ ގޮތުގައި އާންމުން ގެންގުޅޭ ބުޅާތަކަށް ވެސް ފަރުވާ ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރަމީލާ ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީ ގާއިމްކުރީ ހަމައެކަނި ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ނޫންކަމަށެވެ. ބުޅަލުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތްކުރުމާއި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް މި ފެސިލިޓީ ޤާއިމްކުރުމުގެ ބޭނުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

