ސައުދީ އަރަބިއްޔާއިން ހައްޖާއި އުމްރާގެ ނިޒާމަށް ގެންނަވާ ހެޔޮ ބަދަލުތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ފެށުނު ހައްޖު، އުމުރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ޙައްޖާއި ޢުމްރާގެ ނިޒާމަށް ވަރަށް ޒަމާނީ ބަދަލުތަކެއް ގެނެސްދެއްވަމުންދާ ކަމަށާއި އެކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި ސައުދީ ސަރުކާރުން އަބަދުވެސް ރާއްޖެއާ މެދުގައި ވަރަށް ގާތްކަން ބާއްވަވާ ކަމަށާއި، ރާއްޖެއިން ކަމެއްގައި އެދިލައްވައިފިނަމަ އެކަމެއް ކޮށްދެއްވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިކަމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ސައުދީ ސަރުކާރަށް، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަދި ވަލީއަޙްދު މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ. ތަޢުފީޤު ބިން ރަބީޢާއަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރު އަލްއުސްތާޛް މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ. ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެދިލެއްވި ކޮންމެކަމެއްގައިވެސް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިލައްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ސައުދީ އަރަބިއްޔާއިން ގެންނަމުންދާ ބައެއް ބޮޑެތި ބަދަލު ތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރަޢުޟާއަށް މީހުން ވެއްދުމުގެ ކަންކަން ތަރުތީބުކޮށް ކުރިއަށް ގެންދިއުމަށް އެޕްލިކޭޝަނެއް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމާއި، ހިރާ ފަރުބަދައިގެ އައްސޭރީގައި ހިރާ ކަލްޗަރަލް މިއުޒިއަމެއް ތަރައްޤީކޮށް ހިރާ ފަރުބަދައަށް ކުރާ ޒިޔާރަތަކީ ޢިލްމީ ތަރުބަވީ މަޢުލޫމާތުތައް ލިބޭނެ ޒިޔާރަތަކަށް ބަދަލުކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި ސައުދީގެ ރަސްމީ އެއާލައިން، ސައުދިއާގެ ފަރާތުން ލިބިލައްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، ސަޢުދީ އެއާލައިނަކީ ދިވެހިރާއްޖޭގެ ޙައްޖާޖީންނަށް ވަރަށް ތަނަވަސްކަމާއެކު ޚިދުމަތް ދެއްވާ އެއާލައިނެއްކަމަށާއި، ހައްޖުވެރިން އުފުލުމާއި ޙައްޖާއި ޢުމްރާއަށް ޚާއްސަ މޫސުންތަކުގައި ޚާއްސަ ފްލައިޓުތައް ބާއްވަމުން ގެންދަވާ ވަރަށް އިޚްލާސްތެރި ޙިދުމަތްތަކެއް ދެއްވަމުން ގެންދަވާ އެއާލައިނެއްކަމަށެވެ.
މިއަދު ފެށުނު ހައްޖު، އުމްރާ ކޮންފަރެންސްއަކީ ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ފަދައިން، ކަންކަން ރަނގަޅު ކުރެއްވުމުގައި ހައްޖު، ޢުމްރާ ކުންފުނިތަކުގެ ހިޔާލާއި މަޝްވަރާ ހޯދެއްވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސްއެކެވެ.

