ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” ފުވައްމުލަކު ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ހޯމް މިނިސްޓްރީން އޮޕަރޭޝަން ކުރަނގި ފެށީ މި އަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި އޮޕަރޭޝަން މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އަދާހަމަކުރުމުގެ ގޮތުން މި މަހުގެ 5 އިން 20 ގެ ނިޔަލަށް، އެ ސިޓީގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ބިދޭސީ މަސައްކަތްތެރިން، ގެންގުޅޭ ފަރާތްތަކުން މިކަމުގައި ސަރުކާރަށާއި، އެ ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާނީ ފުވައްމުލައް ސިޓީ ކައުންސިލް ފްރަންޓް އޮފީހުގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އިން 17:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު 14:00 އިން 17:00 އަށް، ރޭގަނޑު 20:00 އިން 22:00 އަށެވެ.
އޮޕަރޭޝަން ކުރަނގިގެ ދަށުން މިހާތަނަށް 82 ރަށެއްގަ ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އެގޮތުން މިހާތަނަށް 6891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މިނިސްޓްރީގެ މަގުސަދެއް ނޫނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. އަދި ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

