އެމްޑީޕީން ބުނާ ގޮތަށް އަންނަ އަހަރުގެ ބަޖެޓު ހަދައިގެން ދެ މަސްތެރޭގައި ގައުމު ބަނގުރޫޓުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ގާނޫނުން ލާޒިމުކުރާ ވަރަށް ކައުންސިލްތަކަށް ބަޖެޓް ހިމަނައި އަލުން ބަޖެޓު ހުށަހެޅުމަށް ގޮވާލައި އެމްޑީޕީން މިއަދު ނެރުނު ބަޔާނަކާ ގުޅިގެން ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީން ބުނާ ގޮތަށް ބަޖެޓު ހަދައިގެން އެންމެ ދެ މަސްތެރޭގައި ގައުމު ބަނގުރޫޓުވާނެ ކަމަށެވެ.
މި މީހުންގެ އަންދާޒާ ދެއްކި ގޮތުން މިހިނގާ މާޗް މަހު މި ގައުމު ބަނގުރޫޓުވޭ. ރައީސް ޑރ. މުޢިއްޒުގެ ވިސްނުންތެރި ފިޔަވަޅުތަކުގެ ސަބަބުން ޤައުމު ސަލާމަތް ކުރެވުނީ. މިކަން ވެސް މި މީހުންނަށް އެނގޭ!
ޝުޖާއު ވިދާޅުވީ ބަޖެޓު ހުށަހަޅަންވީ ގޮތް ކިޔައިދޭކަށް ނުޖެހޭނެ ކަމަށާއި، އެމްޑީޕީގެ ސަރުކާރަކީ މިސްކިތެއް އަޅަން އެއްލައްކަ ރުފިޔާ ބަޖެޓުގައި ޖެހި ސަރުކާރެއް ކަމަށެވެ.
ކައުންސިލްތަކުގެ ބަޖެޓު ކުޑަނުވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން ޝުޖާއު ވަނީ އެކަމަކީ ވެސް އެމްޑީޕީން ކުރި ކަމަކަށް ހަދަން ނޫޅުމަށް ގޮވާލައްވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ ފަހު ދުވަހުއެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ޚަރަދުތައް ހުންނާނެ ކަމަށް ލަފާކުރެވެނީ 51 ބިލިއަން ރުފިޔާގައި ކަމަށްވާއިރު، އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކަމަށާއި، މިއީ ފަހުގެ ތާރީޚެއްގައ އެންމެ ކުޑަ ޑެފިސިޓު ބަޖެޓު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އަންނަ އަހަރު އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.4 އިންސައްތައިގައެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ހަމައެހެންމެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށާއި، އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކު 4.9 ބިިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާކޮށްފައިވެއެވެ.

