ގއ. ގެމަނަފުށީ އެސްޓީއޯ ފާމަސީއަށް ބޭސް ނަގަން ދިޔަ މީހަކު، އެތަނުގެ ޑިއުޓީގައި އިން ފާމަސިސްޓު އަންހެން ކުއްޖާއަށް ބިރުދެއްކުމުން، އެ ކުއްޖާއަށް ޝޮކެއް ޖެހި، އެ ރަށުގެ ސިއްހީ މަރުކަޒުގައި އެމެޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.
މިކަން ފުލުހުންގެ ފަރާތުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ކަންހިނގައި ދިޔަގޮތުގެ މައުލޫމާތު މިހާރު ސާފުކުރަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށްފަހު ހާމަކުރައްވާނޭ ކަމަށެވެ.

ހުވަދޫ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 11:00 ޖެހުމަކާ ކައިރިވެފައި ހުއްޓާ، ފާމަސީއަށް ބޭސް ނަގަން ދިޔަ ހަރުފުރައިގެ މީހަކު ވަނީ އެފާމަސީގައި އިން އަންހެންކުއްޖާއަށް ބިރުދައްކާފައެވެ. ކަން ހިނގި ގޮތާ ބެހޭ ގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގއ ގެމަނަފުށީ ބޭސްފިހާރައަށް ބޭހެއް ގަންނަން ދިޔަ މީހާ ރުޅިއައިސްގެން އަންހެންކުއްޖާއަށް ކޮންމެވެސް ކަހަލަ ހަތިޔާރަކުން ވަނީ ބިރުދައްކާފައެެވެ.
އެރަށުން ހުވަދޫ އަށް މައުލޫމާތު ދިން، އެތަނުގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި އެއްބަޔަކު މަރުތޭލެއް ކަމަށް ބުނާއިރު އަނެއް ބަޔަކު ބުނެފައި ވަނީ ކަތިވަޅިއެއް ކަމަށެވެ.
އެތަނުގައި އެވަގުތު ނެތުމުން ސީދާ ކަންވީ މިވެނިހެންނޭ ބުނަން ނޭނގުނު ކަމަށް ވިޔަސް ފާމަސީގައި ޑިއުޓީގައި އިން އަންހެންކުއްޖާ އެކަމާ ބިރުން އެތަނުގެ ފާހާނާއަށް ވަން ކަމަށާއި ފާހާނާއަށް ވަދެ އެކި މީހުންނަށް އެހީއަށް އެދި ގުޅީ ކަމަށް އެރަށުން ހުވަދޫ ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
އަދި އެތަނަށް އެހީވާން މީހުން ދިޔަ ވަގުތު އެބުނާ ބޭސްގަންނަން ދިޔަ މީހާ އެތަނުގައި ނެތްކަމަށާއި އެހެންނަމަވެސް ފާމަސިސްޓު އަންހެންކުއްޖާ ހުރީ، ބިރުން ފާހާނާ ތަޅުލައިގެން އެމީހަަކަށް ފިލާފައެވެ.
ގެމަނަފުށީ ސިއްހީމަރުކަޒުންވެސް އެ އަންހެންކުއްޖާ އެނދުމަތިކޮށްފައިވާ ކަން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެހެންނަމަވެސް ސިއްހީމަރުކަޒުން މައުލޫމާތު ދިން ފަރާތުންވެސް ބުނެފައި ވަނީ އެ ހާދިސާ ހިނގި ވަގުތު އެތަނުގައި މައުޖޫދުވެ ނެތުމުން ކަން ހިނގައި ދިޔަ ގޮތް ޔަގީންކަމާއެކު އެނގިފައި ނުވާ ކަމަށާއި އެމީހަކު ގެންދިޔައީ މަރުތޭލެއް ކަމެއް ކަތިވަޅިއެއް ކަމެއް ބުނަން ނޭނގޭ ކަމަށެވެ.
އަދި އެނދުމަތިކޮށްފައި އޮތް އަންހެންކުއްޖާ ވަނީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށާއި އެއްވެސް ވާހަކައެއް ދައްކަން އެކުއްޖާ ބޭނުން ނުވާ ކަމަށް ވަނީ އެނގިފައެވެ.
ސިއްހީމަރުކަޒުން މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި ފުލުހުންވެސް ކަންހިނގައިދިޔަ ގޮތް އޮޅުން ފިލުވަަން އޭނާއަށް ގުޅިއެވެ. އަދި ފުލުހުންނަށްވެސް، އޭނާ އެތަނުގައި އެވަގުތު ނެތުމުން ކަންހިނގީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް ބުނި ކަމަށް އެމީހާ ވަނީ ބުނެފައވެެ.
އަންހެންކުއްޖާ އަދިވެސް ސިއްހީމަރުކަޒުގައި އެނދުމަތި ކޮށްފައިވާ ކަމަށާއި ފަރުވާދެމުން އަންނަ ކަމަށް މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

