ގައުމާއި ދީނަށްޓަކާ ޝަހީދުވެފައިވާ އާއިލާތަކަށް އެލަވެންސެއްދީ ހައުސިން ޕްރޮގުރާމެއް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ނޮވެމްބަރު 3 އާއި ގުޅިގެން ސިފައިންގެ ޙާއްސަ ހަރަކާތްތައް ދައްކާލުމަށް ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ހަރަކާތުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ނޮވެމްބަރު ތިނެއްގައި މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިފައިވާ ފަސް ފަރާތަށާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 ފަރާތަށް، ގެޒެޓް ކުރާ އުސޫލެއްގެ ދަށުން ސަރުކާރުގެ ފަރާތުން ޙާއްސަ އިނާޔަތްތަކެއް ދޭން ވިސްނާފައިވާ ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް ވަނީ ޝަހީދުވި އާއިލާތަކަށް ސަރުކާރުން އިނާޔަތްތަކެއް ފޯރު ކޮށްދީފައެވެ. ނަމަވެސް އެ އިނާޔަތްތަތައް ވަނީ މެދުކަނޑާލާފައެވެ. މިކަން ފާހަގަކޮށް ރައީސް ވިދާޅުވީ ޝަހީދުވި އާއިލާތަކަށް ޚާއްސަ ކުރެވިގެން ހައުސިން ޕްރޮގްރާމެއް، ހިންގަން ބޭނުންވާ ކަމަށާއި، ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓް ހިމެނޭހެން ހައުސިން އިމާރާތެއް ކުރިއަށް އޮތް އަހަރުތަކުގައި، އެޅުމުގެ ވިސްނުންވެސް އެބައޮތް ކަމަށެވެ. އެހެންކަމުން މި ދައުރުގެ ތެރޭގައި އަޅައި ނިންމައި މި އާއިލާތަކާ ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

