ފުޓުބޯޅައަކީ ޤައުމީ މަސައްކަތެއް ކަމަށާއި އެކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024- 14 އަހަރުން ދަށުގެ ޢުމުރުފުރާގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ފުޓުބޯޅަ ދިރުވައި އާލާކުރުމަށް ފުޓުބޯޅަ އެކެޑަމީތަކާއި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވަމުން އެމަނިކުފާނު ވަނީ، ފުޓުބޯޅަ ކުރިއެރުވުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ނަޞްރުގެ ދުވަސް ފަދަ ޤައުމީ އިޙުތިފާލުތައް ކުރިއަށްދާ ދުވަހެއްގައި، ނައިބު، ރައިސް ފުޓުބޯޅަ މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގަތުމަށް ހަމަޖެހުމުންވެސް ދައްކުވައިދެނީ ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ފުޓުބޯޅައަށާއި ކުޑަކުދިންނަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި، ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ޤައުމީ ފުޓުބޯޅަ ކުރިއެރުވެން އޮތީ، ކޮންމެ ކުއްޖަކުވެސް، ޤައުމީ ފެންވަރުގައި، ޤައުމީ ރޫޙުގައި ކުޅެން މަސައްކަތްކޮށްގެން ކަމަށެވެ.
މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024، 14 އަހަރުން ދަށުގެ ޢުމުރުފުރާގެ ކުޅުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސްވަނީ، ފައިނަލް މެޗުގެ ކުޅުން ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި ވަނަވަނަ ޙާޞިލުކުރި ޓީމުތަކަށާއި އޮފިޝަލުންނާއި ރެފްރީންނަށް ތައްޓާއި ހަނދާނީ ފިލަޔާއި އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ޗެމްޕިއަންޝިޕް ބޯޅައިގައި ސޮއިވެސް ކުރައްވާފައެވެ.

