އެންމެ ފުރަތަމަ ގައުމު އެއީ ހިތުގެ ތެރޭގައި ބިންވަޅު ނެގޭ ކަމަކަށް ހެދުމަކީ އަޒުމަށް ވާންޖެހޭނެ ކަމަށާއި، އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރުންކަން ފިކުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބަވަނަވެފައި މިއޮތް ދުނިޔެއާމެދު ލޯތައް ހުޅުވެން އެބަޖެހޭ ކަމަށާއި، މިހާރު ގައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކުރީ ޒަމާނުގައި އެ ހިނގި ގޮތަކަށް ހިނގާނެ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
ލިޔެލާ ލިޔުމަކުން، ނޫނީވިއްޔާ އިންޓަރނެޓުން ހިންގާ އެކިކަހަލަ ކެމްޕެއިންތަކުން، ނޫނީވިއްޔާ އެފަދަ ކޮންމެވެސް ޒަމާނީ ވަސީލަތަކުން މިހާރު އެކި ގައުމުތަކުގައި އެކި ކަންތައްތައް އެ ހިންގަނީ.
އެހެންކަމުން ނޮވެންބަރު 3 ގައި ދިވެހިން ދެއްކި އެކުވެރިކަން ދައްކާ ބަޔަކަށް މިއަދު ވެސް ވާންޖެހޭ ކަމަށާއި، މިއީ އެއްބައެއް ކަމާއި، ގައުމުދެކެ ލޯބިވާ ބައެއް ކަމާއި، މާތްވެގެންވާ އިސްލާމްދީނަށްވުރެ މުހިންމު އެއްޗެއް ނެތްކަމާއި، ދުޝްމަނުންނަށް އެއްބާރުލުން ދޭނެ އެއްވެސް މީހަކު ނުހުންނާނެކަން ދައްކައިދޭންޖެހޭނެ ކަމަށް ރައީސް ވިދާވިއެވެ.
އެހެންވީމާ، މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އާލާކޮށް، ގައުމީ ވިސްނުން އިސްކޮށް، ހަގީގީ މާނައިގައިވެސް، އެންމެ ފުރަތަމަ ގައުމު އެއީ، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ބިންވަޅު ނެގޭ ކަމަކަށް ހެދުމަކީ، މިފަދަ މުހިންމު މުނާސަބަތެއްގައި އަޅުގަނޑުމެންގެ އަޒުމަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ކުރިމަތީގައި އެންމެ މުހިންމު ވާންޖެހޭނީ، އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރުންކަން.
ރައީސް ވަނީ މި އަޒުމުގައި ކުރިއަށްދިޔުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ގައުމަށްޓަކައި ގުރުބާންވުމުގައި ކޮންމެފަދަ ވަގުތެއްގައި ވެސް ތައްޔާރަށް ތިބި ބަޔަކަށް ވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

