ގިރިފުށީގެ ފަޅުގެތެރެެއިން 13 ހެކްޓަރުގެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމު ސަލާމަތާ އެކީގައި، މިނިވަންކަމާ އެކީގައި ކުރިއަށް އޮތް ތަނަށް ފޯރުކޮށްދޭ ކަމުގައިވާނަމަ، ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެއިން އެއްކަމަކީ އެމްއެންޑީއެފްގެ މަސައްކަތަށް ބޭނުންވާ އަދަދަށް މީހުން ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ކުރުން ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގއުމީ ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށާއި، އުންމީދަކީ އެ ޕްރޮގްރާމުގެ ތެރެެއިން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެއަށް ހަތަރުހާސް ކުދިން، އަދި ފުލުހުންނަށް އެއްހާސް ކުދިން އިތުރުވެގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމް ހިންގަންޏާ ފެސިލިޓީޒް ބޭނުންވާނެ. ގިރިފުށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އަދި ވަރަށް ޖާގަ ކުޑަ. އަޅުގަނޑު ދިޔައިން ބަލައިލަން. އަދި އަޅުގަނޑު ދަންނަވައިގެން މިހާރު ޑީޓެއިލް ޑިޒައިނެއް، ޕްލޭނެއްވެސް ހަދާފައި އޮންނާނީ. ގިރިފުށީގެ ފަޅުގެތެރެ ހިއްކެން އެބައޮތް. ގާތްގަނޑަކަށް 13 ހެކްޓަރު ހިއްކެން އެބައޮތް.
13 ހެކްޓަރު ހިއްކާލުމުން ވަރަށް ބޮޑު ޖާގައެއް އިތުރުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި 13 ހެކްޓަރު ހިއްކައި، ވަށައިގެން ޝޯ ޕްރޮޓެކްޝަން ޖަހާފައި، އަދި ބޭނުންވާ ބަނދަރު ހެދުމަކީ، މި އަންނަ އަހަރުގެ ތެރޭގައި ކުރާނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ތެރެއިން، ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރެއިން އެ ކަންތައް ކޮށްދެއްވާނެ ކަމަށެވެ.

