މާލޭގެ މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަން ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ‘ޒިއޯން މޯބައިލްސް 4’ ފިހާރަ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަން ކުރި މައްސަލައެއް މިއަދު ފަތިހު 5:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ފިހާރައިން ވަގަށް ނެގި ތަކެތީގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ވައްކަން ކުރަން ފިހާރައަށް ވަން މީހަކު ވަނީ އެ ތަނުން ގިނަ އަދަދެއްގެ ފޯނު ވަގަށް ނަގާފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

