ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮންގ ލީޒިންގ މިއަދު ތިނަދޫ ސިޓީއަށް ވަޑައިގެންފިއެވެ.
ގދ.ކާޑެއްދޫ އެއާޕޯޓުން ސަފީރު ލިޒިންއަށް މަރުހަބާ ދެންނެވީ ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސަޢުދު ޢަލީއާއި، ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީއެވެ.
ތިނަދޫ ސިޓީ ފެރީ ޓާމިނަލް ސަރަހައްދުން ސަފީރަށް މަރުހަބާ ދެންނެވީ ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން ކައުންސިލުގެ މުވައްޒަފުންނެވެ. އެކަމަނާއަށް މަރުހަބާ ދެންނެވުމުގައި ތިނަދޫ ސިޓީގެ މުއައްސަސާތަކުގެ އިސްވެެރިންނާއި، އެ ތަންތަނުގެ މުވައްޒަފުން ވެސް ބައިވެރިވެލެއްވިއެވެ.

ޗައިނާ ސަފީރު ވޮންގ ލީޒިންގ މިއަދު ތިނަދޫ ސިޓީއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. އަރިހުގައި މޭޔަރު ސަޢުދު ޢަލީ.
ތިނަދޫ ސިޓީ ކައުންސިލުގެ ދައުވަތަކަށް ސަފީރު ކުރައްވާ މި ދަތުރުފުޅުގައި ތިނަދޫ ސްކޫލަށާއި، އަބޫބަކުރު ސްކޫލަށާއި، ގދ.އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ ތަންތަނުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ވެސް އެ ސިޓީގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން ހެލްތު މިނިސްޓްރީއާއި ޗައިނާގެ ކްލިނިކަކާއި ގުޅިގެން ތިނަދޫ ސިޓީގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ކުރިއަށްގެންދާ ލޮލުގެ ކޭމްޕްގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލައްވާނެއެވެ.
ސަފީރުގެ މި ދަތުރުފުޅުގައި ތިނަދޫ ސިޓީގައި ހަދާފައިވާ ޕާކެއް ހުޅުވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޗައިނާ ސަފީރު މީގެކުރިން ވެސް ވަނީ ތިނަދޫ ސިޓީއަށް ޒިޔާަރަތް ކުރައްވާފައެވެ. ހަމައެއާއެކު ސްރީލަންކާ ސަފީރާއި، އެހެން ބައެއް ގައުމުތަކުގެ ސަފީރުން ވެސް ތިނަދޫ ސިޓީއަށް ޒިޔާަރަތް ކުރައްވާފައިވެއެވެ.

