ކުދިން ބޮޑެތިވެ، ތަންދޮރުއެނގޭ ހިސާބަށް ދިޔުމުން އެ ކުދިންގެ ދާން ވަކިކުރުން އެއީ ނުހަނު ބޭނުންތެރި މުހިންމު ކަމެކެވެ. މި ކަމަކީ އިސްލާމީ ތަރުބިއްޔަތުގެ ތެރޭގައި ލައްވައިފައި ވާ ކަމެކެވެ. ނަބަވީ މަދަރުސާއިން ކިޔައިދެއްވި ފިލާވަޅެކެވެ. އެ މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «عَلِّمُوا أَوْلَادَكُمُ الصَّلَاةَ إِذَا بَلَغُوا سَبْعًا، وَاضْرِبُوهُمْ عَلَيْهَا إِذَا بَلَغُوا عَشْرًا، وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ» (صحيح الجامع) މާނައީ: “ދަރިން ހަތް އަހަރަށް އެރުމުން އެ ކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭށެވެ. އަދި އެ ކުދިން ދިހަ އަހަރަށް ފޯރުމުން އަދަބުދީގެން ވެސް ނަމާދުކުރުވާށެވެ. އަދި އެ ކުދިންގެ ތަންމަތިތައް ފަރަޤުކުރާށެވެ.” ތަންމަތި ފަރަޤުކުރުމޭ އޮތް ބަހުގެ މުރާދަކީ އެއްދާނެއްގައި އެ ކުދިން ނުނިންދެވުމެވެ.
ކަންމިހެން އޮތްއިރު ދަރިންގެ އުމުރުން ދިހަ އަހަރުވުމުން، އެ ކުދިންގެ އެނދުދާން ވަކިކޮށް ވަކިން ނިންދެވުން އެއީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. ފިރިހެން ދަރިން އެހެން ފިރިހެން ދަރިންނާ އަދި އަންހެންދަރިންނާ ވެސް ވަކިކުރަން ވާނެއެވެ. އަންހެންދަރިން އަންހެންދަރިންނާ އަދި އެހެން ފިރިހެން ދަރިންނާ ވެސް ވަކިކުރަން ވާނެއެވެ.
“މަޙުރަމުންގެ މެދުގައި ގޯހެއް ހިނގާކަށް ޝަހުވާނީ އެދުންވެރިކަމެއް ނޯންނާނޭ” ބުނާ މީހުންގެ މައްޗަށް ޤާއިމުވާން އޮތް ޙުއްޖަތެއް ކަމުގައި ބަޔާންވެ ދިޔަ ޙަދީޘް ފުދެއެވެ. ޙަދީޘްގައި އެ ވަނީ އެއްބަނޑުއެއްބަފާ މީހުންގެ ވާހަކައެވެ.
އަދި ހަމަ އެހެންމެ އެ އުމުރުގެ ކުދިން މައިންބަފައިންނާ އެކު ވެސް ނިދުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ދިހަ އަހަރަށް އަރާފައި ތިބޭ އަންހެން ދަރިން ބައްޕައާ އެކު ނިދުން ބޭ އަދަބީ ކަމެއްގެ ގޮތުގައި ދެކޭ ފަދައިން އެ އުމުރުގެ ފިރިހެން ކުދިން މަންމައާ އެކު ވެސް އެއްދާނެއް ގައި ނިދުން ހުއްދަވެގެން ނުވެއެވެ. އިބްނު ޢާބިދީން رحمه الله އަލްބިޒާޒިއްޔާގައި ވިދާޅުވެފައި ވެއެވެ. “ކުޑަ ފިރިހެންކުއްޖާ ދިހަ އަހަރު ވުމުން އޭނާގެ މަންމައާ އެކު ނުވަތަ ދައްތައާ އެކު ނުވަތަ އަނބިމީހާ ނޫން އެހެން އެއްވެސް އަންހެނަކާ އެކު ނިދުން ހުއްދަވެގެން ނުވެއެވެ.” މީގެ މުރާދަކީ އެ ކަމުގެ ސަބަބުން ޙަރާމްކަމަކަށް އަރައިގަނެވިދާނެ ކަމުގެ ބިރުއޮތުމެވެ. [حاشية ابن عابدين (6 / 382)]
އަލްއިމާމް އަންނަވަވީ رحمه الله ވިދާޅުވިއެވެ. “ފިރިހެނަކު ފިރިހެނަކާ އެކު ވިޔަސް އަދި އަންހެނަކު އަންހެނަކާ އެކު ވިޔަސް އެއް އެނދެއްގައި އޮށޯތުން ހުއްދަވެގެން ނުވެއެވެ. އެނދުގެ ދެ ފަރާތުގައި ވިޔަސް މެއެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން ދިހަ އަހަރުވުމުން ފިރިހެން ދަރި މަންމައާ އެކު އަދި ބައްޕައާ އެކު އަދި ދައްތައާ އެކު އަދި ބޭބެއާ އެކު ވިޔަސް އެކީ ނިންދެވުން ހުއްދަވެގެން ނުވެއެވެ.” [روضة الطالبين (7/28)]
މިއީ އިސްލާމީ ތަރުބަވީ ރައްކާތެރިކަމުގެ އިންތަކެވެ. އަޅަމެންގެ ހިތްތަކުގައި ރީތި ދިރިއުޅުމަށް ލޯބިޖައްސަވާށިއެވެ! آمين.
ދީނުގެމަގު / الشَّيْخُ مُحَمَّدُ أَفْضَلْ

