ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ގެނައި މުދާތަކެއް ޔޫރަޕަށް ފޮނުވައިފިއެވެ. މިއީ އިންޑިއާއިން ގެނައި މުދާތަކެއް މި ޚިދުމަތުން ފޮނުވި ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކުރި ގޮތުގައި، މި މުދާތައް ފޮނުވާފައިވަނީ ކޮންޑޯ އެއަރލައިން މެދުވެރިކޮށް ޖަރުމަނުވިލާތަށެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް ރާއްޖޭން ބޭރުކޮށްފައިވަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.
ރާއްޖޭގައި މި ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގައެވެ. މި ޚިދުމަތް ދެމުން ގެންދަނީ އެމް.އޭ.ސީ.އެލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ. މިހާތަނަށް ރާއްޖެއަށް ދަތުރުކުރާ 7 އެއަރލައިނަކުން މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ.
އެމް.ޕީ.އެލްގެ މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޚިދުމަތަށް އޮތް ޑިމާންޑު އިތުރުވަމުން ދާއިރު، ނިމިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް 96 ކޮންޓެއިނަރ (418 ޓަނުގެ މުދާ / 34,946 ދާގީނާ) ގެ މުދާ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައި ވެއެވެ.
ސޯޝަލް މީޑިއާގައި ދާދިފަހުން ކުރެއްވި ޕޯސްޓެއްގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙް ވަނީ ރާއްޖޭގެ ނާޒުކު އިޤްތިޞާދު ހަރުދަނާކޮށް، އިޤްތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާޢަތްތައް އުފެއްދެވުމަކީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށްޓެވުމާއެކު އެންމެ އިސްކަން ދެއްވި އެއް މަސައްކަތްޕުޅުކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ވެރިކަމަށް 1 އަހަރު ނުވަނީސް، "ސީ-ޓު-އެއަރ ކާގޯ" ނަމުގައި އިޤްތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ދާއިރާއަކުން މަސައްކަތް ފެށި، އެމަސައްކަތް ތަރައްގީވާން ފަށާފައިވާކަންވެސް ސީއީއޯ ވަޖީޙް ފާހަގަކުރެއްވިއެވެ..
މި ޚިދުމަތް އިތުރަށް ފުުރަށް ފުޅާކުރުމަށްޓަކައި، އެމް.ޕީ.އެލްއިން ވަނީ ބަންގްލަދޭޝްގެ ޗިޓަގޮންގއަށް ޒިޔާރަތްކޮށް އެ ޤައުމުގެ ގާމެންޓު ފެކްޓަރީތަކުގެ ވެރިންނާއެކު މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަކުން އެނގުނު ގޮތުގައި، މި ޚިދުމަތް ރަނގަޅަށް ތަރައްޤީކުރެވިއްޖެނަމަ، މަހެއްގެ މައްޗަށް 400 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކަނޑުމަގުން ރާއްޖެ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެކި ޤައުމުތަކަށް ފޮނުވުމުގެ ފުރުޞަތު އެބައޮތެވެ.
މިކަމަށްޓަކައި ރާއްޖެއަށް ދަތުރު ކުރާ ޝިޕިންގ ލައިންތަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށާއި، މިމަސައްކަތަށް ބޭނުންވާ، މެޝިނަރީތަކާއި އިކުއިޕްމަންޓުތައް ހަމަކޮށް، ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ޚިދުމަތްތަކެއް ފޯރު ކޮށްދެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ވަޖީޙް ވިދާޅުވިއެވެ.

